ހަތިޔާރު އެޅި ތިންމީހަކު އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ޔުނިވާސިޓީއަށް ހަމަލާދީ 19 މީހުން މަރާލައިފިއެވެ.
އަފްގާނިސްތާނުގެ އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހަނގުރާމަވެރި ތިންމީހުން ހަތިޔާރާއެކު ޔުނިވާސިޓީއަށް ހަމަލާދީފައިވާ ކަމަށާއި ހަމަލާ ހުއްޓުމަކަށް އައިސްފައިވަނީ ސަލާމަތީ ފަރާތްތަކުން ދިން ރައްދު ހަމަލާގައި ތިން ހަނގުރާމަވެރިން މަރުވުމުން ކަމަށެވެ.
ހަނގުރާމަވެރިން ޔުނިވާސިޓީއަށް ހަމަލާދީފައިވަނީ، އަފްގާނިސްތާން ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ޔުނިވާސިޓީގައި އީރާން ފޮތް މައުރަޒެއް ހުޅުވުމަށް ޒިޔާރަތް ކުރުމަށް ތާވަލްކޮށްފައިވާ ގަޑިއާއި ދިމާކޮށްފައެވެ.
މި ހަމަލާގެ ޒިންމާ ހަނގުރާމަވެރި އެއްވެސް ޖަމާއަތަކުން އަދި އުފުލައިފައި ނުވާއިރު ތޯލިބާނުންވަނީ މި ހަމަލާ ކޮށްވެރި ކޮށްފައެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުންވަނީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ.
މިދިޔަމަހު އައިއެސްގެ ހަނގުރާމަވެރިން ކާބުލްގެ ޓިއުސަން ސެންޓަރެއްގެ ބޭރުގައި ދިން ހަމަލާތަކެއްގައި 24 މީހަކުވަނީ މަރުވެފައެވެ. 2018 ވަނަ އަހަރު ކާބުލް ޔުނިވާސިޓީއަށް ދިން ހަމަލާއެއްގެ ޒިންމާވެސް އައިއެސް ޖަމާއަތުންވަނީ އުފުލައިފައެވެ.



