އަޔެކްސްގެ 11 ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވުވެއްޖެ

ޗެމްޕިއަންސް ލީގުގައި ވާދަކުރާ ނެދަލެންޑްސްގެ އަޔެކްސް އެފްސީގެ 11 ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.

އަޔެކްސްގެ 11 ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައި މިވަނީ ޗެމްޕިއަންސް ލީގުގައި އެޓީމުން ޑެންމާކުގެ މިޖީލޭންޑާއި ކުޅޭ މެޗަށް ޑެންމާކަށް ފުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ކުލަބުގެ ފަރާތުން ވާހަކަދެއްކި އިސްފަރާތަކުން ބުނެފައިވަނީ، 11 އާއި 15 އާއި ދެމެދުގެ އަދަދެއްގެ ކުޅުންތެރިންނަށް ކުރިއަށް އޮތް މެޗުގައި ބައިވެރި ނުވެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިވަގުތު އިތުރު ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަޔެކްސްއިން މިހާރުވަނީ މާދަމާ އިތުރު ކުޅުންތެރިން ޑެންމާކަށް ގެންދިއުމުގެ ހުއްދައަކަށް ޔޫއެއްފާގައި އެދިފައެވެ. ގަވާއިދު ބުނާގޮތުން އަވޭގައި ކުޅޭ ޓީމް އެ ކުޅެންޖެހޭ ގައުމަކަށް މެޗު އޮއްނަ ދުވަހުގެ އެއްދުވަސް ކުރިން ދާންޖެހެއެވެ. އަޔެކްސް އަދި މިޖީލޭންޑް ބައްދަލުކުރާ މެޗު އޮއްނާނީ އަންނަ ބުދަ ދުވަހުއެވެ.

ތާވަލްގައި ކަނޑައަޅައިފައި އޮއްނަ މެޗެއް ނުކުޅި ދޫކޮށްލާ ކޮންމެ ޓީމަކަށް ތިން ޕޮއިންޓު ގެއްލިގެން ދާނެއެވެ. ނަމަވެސް މިހާލަތުގައި އިތުރަށް މެޗު ކުޅޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ޔޫއެއްފޭއަކުން ނުނިންމައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ