ނަސްރުގެ ދުވަހަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބިރުވެރި، އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫންގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވިދާޅުވެއްޖެއެވެ.
އެމްއާރުއެމް އިން މިހެން ވިދާޅުވެފައި މިވަނީ މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެޕާޓީން ނެރުނު ބަޔާނުގައިއެވެ.
މިއަހަރުގެ ފަޚުރުވެރި ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި، ތަހްނިޔާ ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް އަރިސްކުރައްވަމުން އެބަޔާނުގައި ބުނެފައިވަނީ، ނަސްރުގެ ދުވަސް މިފާހަގަކުރަނީ 1988 ވަނަ އަހަރުން ފެށިގެން ކަމަށާއި ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަ ކުރުމުގެ ތެރެއިން ހަނދާން އާކުރަން މިޖެހެނީ، ދިވެހީންނަށް ދެން އެފަދަ ދުވަހެއް މެދުވެރި ނުވުމުގެ މަތިވެރި އުންމީދުގައި ކަމަށެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ހިންގި ބަޣާވާތެކެވެ. އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާކަމަށް އެމްއާރުއެމް އިން ފާހަގަ ކުރެއްވިއެވެ.
އެދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުންނެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށެވެ. އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވިއެވެ. ހަމައެހެންމެ، ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމަތަކެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށެވެ. ދިވެހި ސަރުކާރު އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާ އިންނެވެ. އަދި ހަމައެހެންމެ، އެދުވަހު ވަރަށް ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ބާޣީންނާއި ހަގުރާމަކުރަމުން ގެންދިޔައެވެ. ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވެއެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. އެދުވަހު ޝަހީދުވި ހިތްވަރުގަދަ ދިވެހި އަބްޠާލުންނަށް މާތްﷲ ހެޔޮރަޙްމަތްލައްވާށިއެވެ! ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަބަދައްޓަކައި ރައްކާތެރި ކޮށްދެއްވާށިއެވެ! އާމީން.