ލުޠުފީ އަށް އެމްބަސީން ހިމާޔަތްދިނުމަކީ މި ވެރިކަމުން ބާޢީން ޢާޒީންނަށް ހެދުން: ޑރ. ޖަމީލު

ތިނެއް ނޮވެމްބަރ 1988 ގެ ޢުދުވާނީ ހަމާލާގައި 19 ދިވެހިން ޝަހީދު ކޮށްލުމުގެ ފަހަތުގައި ވާ އެންމެ އިސް މޭސްތިރިޔާ ޢަބްދުﷲ ލުތުފީއަށް އެމްބަސީން ހިމާޔަތްދިނުމަކީ މިވެރިކަމުގައި ބާޢީން ޢާޒީންނަށް ހެދުންކަމަށް ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ 32 އަހަރުކުރިން އެތައް ބަޔަކު ޝަހީދުވެގެން ލިބުނު ނަޞްރު ހަނދާންކޮށްދެނީ ޚާއިނުންނަށް ފާރަވެރިވާންޖެހޭ ކަމަށާއި، ލުޠުފީ އާއި ނާޞިރާއި ޝާހިދު ފަދަ ބާޢީންތަކަށް ޤައުމް އަބަދުވެސް ހޭލުންތެރިވާންޖެހޭނެކަމަށެވެ.
" ލުޠުފީ އަށް އެމްބަސީން ހިމާޔަތްދިނުމަކީ މި ވެރިކަމުން ބާޢީން ޢާޒީންނަށް ހެދުން." ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ހިންގި ބަޣާވާތެކެވެ. އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާއެވެ.

އެދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުންނެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށެވެ. އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވިއެވެ. އަދި ހަމައެހެންމެ، އެދުވަހު ވަރަށް ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ބާޣީންނާއި ހަގުރާމަކުރަމުން ގެންދިޔައެވެ. ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވެއެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. އެދުވަހު ޝަހީދުވި ހިތްވަރުގަދަ ދިވެހި އަބްޠާލުންނަށް މާތްﷲ ހެޔޮރަޙްމަތްލައްވާށިއެވެ! ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަބަދައްޓަކައި ރައްކާތެރި ކޮށްދެއްވާށިއެވެ! އާމީން.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ