އޮސްޓްރިއާ އަދި އަފްޣާނިސްތާނުގައި ދިން ޙަމަލާތައް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.
އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތަކުގައި އެތައްބަޔަކުވަނީ ޒަހަމްވެފައެވެ. މި ޙަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރިއާ އާއެކު ކަމަށް، މިނިސްޓަރ ޝާހިދު ވަނީ އޮސްޓްރިއާގެ ޚާރިޖީ ވަޒީރު އެލެގްޒެންޑަރ ޝެލެންބަރގްއަށް ދަންނަވާފައެވެ. އަދި ޝާހިދު ވަނީ ދިވެހިރާއްޖެއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ.
އޮސްޓްރިއާގައި ދިން ހަމަލާތަކުގައި 4 މީހަކު މަރުވެ، 17 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
މީގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާބުލް ޔުނިވަރސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދީ، އެތައް ބަޔަކު މަރާލި ހާދިސާ ކުށްވެރިކުރައްވައި، އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރް އަށް މިނިސްޓަރ ޝާހިދު ވަނީ މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖްގައި، ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން، ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ރާއްޖެއިން ކުށްވެރިކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި އަފްޣާނިސްތާނުގައި އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، އަފްޣާނިސްތާން ސަރުކާރާއެކު އޮތްކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.
އަފްޣާނިސްތާނުގައި ދިން ޙަމަލާގައި 19 މީހުން ވަނީީ މަރުވެފައެވެ. މިއީ އަފްޣާނިސްތާނުގައި ތައުލީމީ މަރުޒަކަށް 1 ހަފްތާ ތެރޭ ދިން މިފަދަ ދެވަނަ ޙަމަލާއެވެ. މީގެ ކުރިން ދިން ޙަމަލާއާއި ގުޅިގެންވެސް މިނިސްޓަރ ޝާހިދު ވަނީ ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.