ލިވަޕޫލް ޗެމްޕިއަންސް ލީގު ތަށި އުފުލާލަނީ - ފޮޓޯ: ދަ އޮސްޓްރޭލިއަން

ޔޫސީއެލް – 14 އަހަރަށްފަހު ލިވަޕޫލް، ޔޫރަޕްގެ ރަސްކަމަށް

ޗެމްޕިއަންސް ލީގު ފައިނަލްގައި މިރޭ ޓޮޓޭންހާމް އަދި ލިވަޕޫލް ބައްދަލުކުރި މެޗުން މޮޅުވެ، ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ.

1900 ގެ އަހަރުތަކުގައި ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި ފާހަގަކުރެވުނު ލިވަޕޫލް މީގެ ކުރިން ފަސް ފަހަރަކު މިތަށިކާމިޔާބުކޮށްފައިވެއެވެ. އެންމެ ފަހުން ލިވަޕޫލް މިތަށި ކާމިޔާބުކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ. ލިވަޕޫލް ޔޫރަޕްގެ ރަސްކަމަށް އެނބުރި އައިސްފައިމިވަނީ 14 އަހަރުގެ ދިގު އިންތިޒާރަކަށްފަހުއެވެ.

2-0 ގެނަތީޖާއަކުން ޓޮޓޭންހާމް އަތުން ލިވަޕޫލް މޮޅުވި މިރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ މެޗުގެ ފުރަތަމަ މިނަޓްގައި ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. އޭރިއާ ތެރެއިން ސިސޯކޯގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު މިޕެނަލްޓީ މުޙައްމަދު ސަލާޙް ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ މިނަޓްގައެވެ. މިއީ ސަލާޙް މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ޖެހި ފަސްވަނަ ލަނޑެވެ.

ސަލާޙްގެ ލަނޑަށްފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ދަ ސައުތު އެފްރިކަން

ލިވަޕޫލްގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 88 ވަނަ މިނަޓްގައެވެ. ލިބުނު ކޯނަރަކުން ޖެހި މިލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ 58 ވަނަ މިނަޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮރިގީއެވެ.

ލަނޑަށްފަހު ލިވަޕޫލް ޓީމު ފެނިގެންދިޔައީ ރަނގަޅަށް ޑިފެންސްކޮށް ކައުންޓާ އެޓޭކްގައި ލީޑު އިތުރަށް ފުޅާކުރެވޭތޯ މަސައްކަތްކުރި ތަނެވެ.

ލިވަޕޫލާއި ޚިލާފަށް ޓޮޓޭންހާމްއިން ބޯޅަ ކުރިއަށް އަރުވައި ލަނޑެއް ކާމިޔާބުކުރެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ޓޮޓޭންހާމްއިން ކުރަމުންއައި މަސައްކަތް ކާމިޔާބުނުވެ ޓޮޓޭންހާމްވަނީ ބަލިވެފައެވެ. މިއީ ޓޮޓޭންހާމް މިމުބާރާތުގެ ފައިނަލް ކުޅުނު ފުރަތަމަ ފަހަރެވެ. ފަހަތުން އަރައި އަޔޭކްސް ބަލިކުރި މެޗުގައި ޓޮޓޭންހާމްއަށް ތިންލަނޑު ކާމިޔާބުކޮށްދިން ލޫކަސް މޯރާ މިރޭގެ މެޗުގައި ފެނިގެން ދިޔައީ މެޗު 66 ވަނަ މިނަޓްގައެވެ.

ލިވަޕޫލާއި ޚިލާފަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ޓޮޓޭންހާމްއަށް ލިބިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. 85 ވަނަ މިނަޓްގައި އެރިކްސަން ފޮނުވާލި ހިތްގައިމު ހިލޭޖެހުން ހުއްޓުވީ ލިވަޕޫލްގެ ކީޕަރު އެލިސަންއެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހައިދިން އޮރިގީ - ފޮޓޯ: ލިވަޕޫލް އެކޯ

މިދިޔަ އަހަރުގެ ފައިނަލްގައިވެސް ކުޅެފައިވާ ލިވަޕޫލް އެފަހަރު ބަލިވީ ރެއަލްމެޑްރިޑްގެ އަތްދަށުވެއެވެ.

ކްލޮޕްގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ލިވަޕޫލް މިސީޒަންގެ ލީގު ގެއްލުނުއިރު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. 97 ޕޮއިންޓާއެކު ލިވަޕޫލަށް ލީގުން ދެވަނަ ލިބުނުއިރު ސިޓީ އެއްވަނަ ހޯދީ 98 ޕޮއިންޓާއެކުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް