ރާމޯސްގެ 100 ވަނަ ލަނޑާއެކު ރެއަލްއަށް ފުރަތަމަ މޮޅު

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަރމިލާންއާއި ދެކޮޅަށް ކުޅުނު މެޗު ރެއަލްމެޑްރިޑް ކާމިޔާބުކޮށްފިއެވެ.

ސްޕެއިންގައި ކުޅެވުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ބަލާ ހިތްވާކަހަލަ ފޯރުގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ރެއަލްމެޑްރިޑުންނެވެ. 25 މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ.

އަދި އޭގެ 8 މިނަޓްފަހުން ރާމޯސް ރެއަލްމެޑްރިޑް ލީޑު ފުޅާކުރިއެވެ. ކޯނަރަކުން ބޮލުން ރާމޯސް ކާމިޔާބުކުރި މިލަނޑަކީ ރެއަލްމެޑްރިޑަށް އޭނާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ. އުމުރުން 34 އަހަރުގެ ރާމޯސް ކެރިއަރުގައި މިހާތަނަށް 126 ލަނޑުވަނީ ކާމިޔާބުކޮށްފައެވެ. ރެއަލްމެޑްރިޑްގެ އިތުރުން ސްޕެއިން ޤައުމީ ޓީމަށް 23 ލަނޑު އަދި ކުރީގެ ކްލަބު ސެވިއްޔާއަށް 3 ލަނޑު ރާމޯސް ކާމިޔާބުކޮށްދީފައިވެއެވެ.

ރެއަލްމެޑްރިޑަށް 659 މެޗު ކުޅެދީފައިވާ ރާމޯސްވަނީ އެކްލަބާއެކު 22 ތަށި އުފުލާލާފައެވެ.

ރާމޯސްގެ ލަނޑަށްފަހު އޭގެ ދެމިނަޓްފަހުން މާޓިނޭޒްވަނީ ލަނޑެއްޖަހައި އިންޓަރއަށް އިިތުރު ހިތްވަރެއް ދީފައެވެ. އަދި އިންޓަރއިން މެޗުގެ ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރީ 68 ވަނަ މިނަޓްގައި ޕެރިސިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ރޭގެ މެޗުން ރެއަލްމެޑްރިޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮޑްރީގޯއެވެ. މެޗުގެ 80 ވަނަ މިނަޓްގައި ރޮޑްރީގޯ ކާމިޔާބުކޮށްދިން މިލަނޑަކީ ވިނިޝިއަސްގެ ޕާހަކުން އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ބާރު ސްޕީޑުގައި ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

މިއީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ރެއަލްމެޑްރިޑަށް ލިބުނު ފުރަތަމަ މޮޅެވެ. ތިންމެޗުން ލިބުނު 4 ޕޮއިންޓާއެކު ރެއަލްމެޑްރިޑް އޮތީ ގްރޫޕްގެ ތިންވަނާގައެވެ. ހަތަރުވަނާގައި އިންޓަރމިލާން އޮތްއިރު، ކުޅުނު އެއްމެޗް މެޗަކުން އިންޓަރއަށް އަދި މޮޅެއް ނުލިބެއެވެ. މިގްރޫލްގެ އެއްވަނާގައި 5 ޕޮއިންޓާއެކު މޮންޗެންގްލެޑްބާޗް އޮތްއިރު ދެވަނާގައި ޝަކްތަރު އޮތީ 4 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ