އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ގެއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެގޭގެ ވެރިމާހާ ސަލާމަތް ކޮށްދީފައިވަނީ އޭނާ އޮޅުކޮށްގެން ގެންގުޅޭ ޕެރޮޓްކަމަށް އެމީހާ ބުނެފިއެވެ.
ނޫސްވެރިންނާއި ވާހަކަދައްކަމުން މި ގޭގެ ވެރިމީހާ ބުނީ، ދެބުރިއަށް ހުއްނަ މިގޭގައި ހަމައެކަނި ދިރިއުޅެނީ މިމީހާއާއި އަދި އޮޅުކޮށްގެން ގެންގުޅޭ ފެހިކުލައިގެ ޕެރޮޓް ކަމަށެވެ. ރޭގައި ނިދިން ހޭލެވުނީ މި ޕެރޮޓް ގޮވާ އަޑަށް ކަމަށާއި ހޭލެވުމުން ދުމުގެ ވަސް ދުވި ކަމަށާއި ނިދާ ކޮޓަރިން ބޭރަށް ނިކުތްއިރު ގޭގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
އަލިފާން ނިއްވާ މީހުންނަށް އެގެއާއި ހަމައަށް އާދެވުނުއިރު މުޅި ގޭގައިވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް އެވަގުތު ގޭގެ ވެރިމީހާ ސަލާމަތްތެރިކަމާއެކުހުރީ ގޭ ބޭރުގައި ޕެރޮޓްއާއެކު ކަމަށް މައުލޫމާތު ލިބެއެވެ. ގޭގައި ރޯވެފައިވާ އަލިފާންގަނޑު އަލިފާން ނިއްވާލެވިފައިވަނީ ގަޑިއިރުގެ މަސައްކަތައް ފަހުގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.
ކުއީންސްލޭންޑް ފަޔާ އެންޑް އެމަރޖެންސީ ސަރވިސަސްގެ އިންސްޕެކްޓަރ ކެމަރޫން ތޯމަސްވެސްވަނީ މި ޕެރޮޓް ކުރި މަސައްކަތް ފާހަގަ ކޮށްފައެވެ. މިގޮތުން ތޯމަސްބުނީ، ގޭގެވެރިމީހާގެ ނަމުން ގޮވައި އެމީހާ ހޭލެއްވުމަށްފަހު އެލާޓަށް ގެނެސްފައިވާ ކަމަށެވެ. މީގެއިތުރުން މިގޭގައި ދުމުގެ އަސަރު ދެނެގައްނާނެ އާލާތްތައް ހުރިނަމަވެސް އެ އާލާތްތަކުގެ ކުރިން ޕެރޮޓް ގޭގައި އަލިފާން ރޯވެފައިވާކަން ދެނެގަނެފައިވާ ކަމަށެވެ.
މި ގޭގައި އަލިފާން ރޯވާން ދިމާވި ސަބަބު އަދި ހޯދިފައި ނުވާއިރު ކަމާބެހޭ ފަރާތްތަކުން އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.