ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޑައިނަމޯއާއި ދެކޮޅަށް ކުޅުނު މެޗުން ހަނިގޮތަކަށް ބާސެލޯނާ މޮޅުވެއްޖެއެވެ.
ކޭމްޕްނޯގައި ރޭ ކުޅެވުނު މިމެޗުން ބާސެލޯނާ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާއިން ކޮންޓްރޯލްކޮށްގެން ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑުވެސް ޖަހާފައިވަނީ ބާސެލޯނާއިންނެވެ. މެޗުގެ ފަސްވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ކެޕްޓަން މެސީއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިޕެނަލްޓީ ކާމިޔާބުކުރީވެސް މެސީއެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މެސީ މިހާތަނަށް ޖުމްލަ ތިންލަނޑު ޖަހާފައިވާއިރު، މިތިން ލަނޑުވެސް ޖަހާފައިވަނީ ޕެނަލްޓީއިންކަން ފާހަގަކޮށްލެވެއެވެ.
ފުލުފުލުގައި ހަމަލާތައް އުފައްދަމުންދިޔަ ބާސެލޯނާއަށް ލީޑު ފުޅާކުރުމަށް ގިނަ ފުރުޞަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފުު ނިމުނީ އިތުރު ލަނޑެއް ނުފެނިއެވެ. އެގޮތުން ޕެޑްރީ ގެ ދަނޑިއާ އަމާޒުވި ހަމަލާއާއި ގޯލްކުރިމަތީ ހުހަށްހުރި ގްރިޒްމަން ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޑައިނަމޯއަށް ލަނޑު ޖަހާނެ ރަނުގެ ދެ ފުރުޞަތު ލިބިގެންގޮސްފައިވާއިރު، ބާސެލޯނާގެ ޑިފެންޑަރުން ކަޓުވާލުމަށްފަހު ފޮނުވާލި މިދެހަމަލާވެސް ދިފާޢުކުރީ ކީޕަރު ސްޓެގަންއެވެ.
ބާސެލޯނާއިން ދެވަނަ ހާފުގައި ލީޑު ފުޅާކޮށްފައިވަނީ ޖެރާޑު ޕީކޭ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. މެޗުގެ 65 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އަންސޫ ފާޓީގެ ހުރަހަކުން ޕީކޭ ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދިހަ މިނަޓްފަހުން ވިކްޓަރުވަނީ ލަނޑެއްޖަހައި ޑައިނަމޯއަށް ފަރަގު ކުޑަކޮށްދީފައެވެ.
ރޭގެ މޮޅާއެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ، ބާސެލޯނާއިންވަނީ ގްރޫޕްގެ އެއްވަނަ ދިފާޢުކޮށްފައެވެ. ދެވަނާގައި 6 ޕޮއިންޓާއެކު ޔުވެންޓަސް އުޅޭއިރު، ތިންވަނާގައި އޮތް ޑައިނަމޯއަށާއި، ހަތަރުވަނާގައި އޮތް ފެރެންކްވަރޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ޕީއެސްޖީއަށް އިތުރު ބައްޔެއް

ރެޑްބުލް އެރީނާގައި ލެއިޕްޒިގްއާއި ދެކޮޅަށް ރޭ ކުޅުނު މެޗުން ޕީއެސްޖީ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޑިމާރިއާއެވެ. މިލަނޑަށްފަހު ޕީއެސްޖީއަށް ލީޑު ފުޅާކުރަން ލިބުނު ޕެނަލްޓީ ޑިމާރިއާ ފޮނުވާލިއިރު، އެޕެނަލްޓީވަނީ ކީޕަރު ދިފާޢުކޮށްފައެވެ.
ފަހަތުން އަރައި ލެއިޕްޒިގުން ރޭގެ މެޗުގައި ޕީއެސްޖީ ބަލިކުރިއިރު، އެކްލަބުގެ ލަނޑުތައް ޖަހާފައިވަނީ ކްރިސްޓޮފާ ކުންކޫއާއި އެމިލް ފޯސްބާގެވެ.
ރޭގެ ބައްޔަކީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ވި ދެވަނަ ބައްޔެވެ. ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ގްރޫޕްގެ ތިންވަނާގައެވެ. އެއްވަނާގައި އޮތް މެންޗެސްޓާރ ޔުނައިޓެޑަށާއި ދެވަނަގައި އޮތް ލެއިޕްޒިގަށް ޖުމްލަ ހަ ޕޮއިންޓް ލިބިފައިވެއެވެ.



