ތިން ވަނަ ކުއާޓާގައި ގެވެށި އަނިޔާގެ 179 މައްސަލައެއް

2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ގެވެށި އަނިޔާގެ ގޮތުގައި 179 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ.

އެ އޮތޯރިޓީން އާންމު ކޮށްފައިވާ މިއަހަރުގެ ތިން ވަނަ ކުއާޓާގެ ތަފާސް ހިސާބުތަކުގައި ވާ ގޮތުން އެ އޮތޯރިޓީއަށް ރިޕޯޓް ކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކަކީ އެ އޮތޯރިޓީއަށް ސީދާ ހުށައެޅުނު މައްސަލަތަކާއި އަދި އެހެން މުއައްސަސާތަކުން ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ އަދަދެވެ.

އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ އޮތޯރިޓީއަށް ގެވެށި އަނިޔާގެ 110 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ޖެންޑަރ މިނިސްޓްރީން ވަނީ އެ އޮތޯރިޓީއަށް 70 މައްސަލައެއް ރިޕޯޓް ކޮށްފައެވެ. އަދި ޞިއްޙީ ހިދުމަތް ދޭ ފަރާތްތަކުން އެ އޮތޯރިޓީއަށް 6 މައްސަލައެއް ރިޕޯޓް ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުގައިވެއެވެ.

މިއަހަރުގެ ތިން ވަނަ ކުއާޓާގައި ގެވެށި އަނިޔާގެ މައްސަލަ އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މާލެއިންނެވެ. އެގޮތުން މާލެއިން އެކަނިވެސް 126 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.

ތިންވަނަ ކުއާޓާގެ މައްސަލަތަކަށް ބަލާލާއިރު ފެމެލީ ޕްރޮޓެކްޝަން އެތޯރިޓީއަށް ހުށައެޅުނު މައްސަލަތަކުގައި ޖުމްލަ 242 ފަރާތަކަށް ވަނީ ގެވެށި އަނިޔާ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 182 އަންހެނުންނާއި 60 ފިރިހެނުންނެވެ. އަދި މިފަދަ މައްސަލަތަކުގައި އަނިޔާ ލިބުނު މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 92 ކުއްޖަކުވެސް ހިމެނެއެވެ.

ތިންވަނަ ކުއާޓާގައި ގެވެށި އަނިޔާގެ ގޮތުގައި އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ މައްސަލަތަކެވެ. މިފަދަ 130 މައްސަލައެއް ވަނީ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ