ފުވައްމުލަކު ކުޑަކުދިންގެ ޕާކް، ފޮޓޯ: މިނިސްޓަރ މަހްލޫފް/ޓްވިޓާ

އިތުރު ރަށްތަކެއްގައި ކުޑަކުދިންގެ ޕާކް އަޅަނީ

ރާއްޖޭގެ އިތުރު ރަށްތަކެއްގައި ކުޑަކުދިންގެ ޕާކު އަޅަން ނިންމާފައިވާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަޙްލޫފް ވިދާޅުވީ، އަވައްޓެރި އިންޑިއާގެ އެހީގެ ދަށުން، ހއ. އަދި ފ، އަތޮޅުގެ އިތުރު ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމުގެ އިތުރުން، ދ. އަތޮޅާއި ތ. އަތޮޅުގެ ގިނަ ރަށްރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ޖުމްލަ ނުވަ ރަށެއް މިނިސްޓަރު ފާހަގަކޮށްފައިވާއިރު، ހއ. އަތޮޅުން ބާރަށާއި، އަދި ފ. އަތޮޅުން ބިލެއްދޫގެ އިތުރުން، ދ. އަތޮޅުގައި ހިމެނޭ ރަށްތަކަކީ، ހުޅުދެލި، ބަނޑިދޫ، އަދި މާއެނބޫދޫއެވެ. މީގެ އިތުރުން ތ. އަތޮޅުގައި ހިމެނޭ ރަށްތަކަކީ، މަޑިފުށި، ކިނބިދޫ، އޮމަދޫ، އަދި ދިޔަ މިނގިލިއެވެ.

ކުރިއާ ޚިލާފަށް މިއަދު ރާއްޖޭގެ ގިނަ ރަށްތަކަކީ ކުޑަކުދިން ހިތްއުފާކޮށްލާނެ ރީތި ޕާކުތަކުން ޒީނަތްތެރިކުރެވިފައިވާ ރަށްތަކަކެވެ. މިމަސައްކަތުގައި ޔޫތު މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޔޫތް މިނިސްޓްރީން އަންނަނީ ރަށްރަށުގައި ފުޓް ބޯޅަ ދަނޑުތަކުގައި ޓާފް އަޅައި ދަނޑުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތާއި ރަށްރަށުގައި އައުޓްޑޯރ ޖިމްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

ރައްޔިތުންނަށް އެމީހުންގެ ޢާއިލާތަކާއެކު އުފާވެރި ވަގުތުތައް ހޭދަކޮށްލެވޭނެ ފަދަ ފިނި މައިޒާންތަކާއި، ކުޑަކުދިންގެ ޕާކް ފަދަ ތަންތަން ތަރައްޤީކުރެއްވުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ފައްޓަވާފައިވާއިރު، މިމަސައްކަތް މިގޮތުގައި ކުރިއަށް ގެންދިއުމަކީ މިސަރުކާރުގެވެސް އަމާޒެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ