ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ މީޑިއާތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވެސް މީޑިއާ ކައުންސިލް އިން ވިދާޅުވެއްޖެއެވެ.
މީޑިއާ ކައުންސިލް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފަހަކަށް އައިސް ބައެއް މީޑިއާތަކުން ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިޢުކުރާކަން ފާހަގަކުރެވިފައިވާތީވެ، މީޑިއާތަކުން ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، ޢާންމު އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސްބޭނުންކުރުމުން އިލްތިމާސް ކުރާ ކަމަށެވެ.
"މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން 2011 ޖަނަވަރީ 31 ގައި ގެޒެޓްކޮށް ޢަމަލުކުރަމުން އަންނަ "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިޢުކުރުމުން ދުރުހެލިވާނެއެވެ." މިފަދައިންނެވެ. އަދި އެ މިންގަނޑުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، ޢާންމު އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސްބޭނުންކުރުމުން ދުރުހެލިވާނެއެވެ." އެބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މީޑިއާ ކައުންސިލުން ވިދާޅުވީ، އިންޓަރނެޓްގެ ޒަރިއްޔާއިން ވެބްސައިޓާއި، މީސްމީޑިއާގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން ޚަބަރާއި މަޢުލޫމާތު ފެތުރުން ފުޅާވެފައިވާ ޒަމާނެއްގައި، ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އަޚްލާޤީގޮތުން ދަށްފެންވަރުގެ ލިޔުންތައް ޢާންމުވުމުގެ ސަބަބުން ސޯޝަލް މީޑިއާ އާއި އިންޓަރނެޓްގެ ޒަރިއްޔާއިން ފުރާވަރުގެ ކުދިންނަށް ނޭދެވޭ އަސަރުކުރާކަމުގެ ކަންބޮޑުވުން ކަމާގުޅުންހުރި ފަރާތްތަކުން މީޑިއާ ކައުންސިލާ ހިއްސާކުރަމުންދާ ކަމަށެވެ.
އަދި ބައެއްފަހަރު މިފަދަ ކޮންޓެންޓްތައް އެ ކޮންޓެންޓެއް ތައްޔާރުކުރި މީޑިއާއަކުން ނެގި ނަމަވެސް އިންޓަރނެޓްގެ ޒަރިއްޔާއިން ޝެއަރކުރެވޭތީ ޒަމާންތަކެއްވަންދެން އެފަދަ ލިޔުންތައް އާންމުންނަށް ފެންނަން ހުންނާތީވެ، މީޑީއާ ކައުންސިލުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން، ބައެއް މީޑިއާތަކުގައި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑާއި މުޖުތަމައުގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ ޚިލާފު ލިޔުންތަކާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ލިޔުންތައް އަދި މިނޫނަސް އެއްވެސް ހަޤީގަތެއް ނެތް ތޯތޯ ވާހަކަތަކުގެ މައްޗަށް ބިނާކޮށްވެސް އެކި ބާވަތުގެ ލިޔުންތައް ޝާއިޢުކުރާކަން ފާހަގަކުރެވޭ ކަމަށާއި އަދި އެފަދަ ކަންކަމުގެ ޝަކުވާ އާންމު ފަރާތްތަކުން މިކައުންސިލްގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށްވެސް އެކައުންސިލުން ވިދާޅުވިއެވެ.
ދިވެހި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުންވެސް އަބަދުވެސް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އިޖުތިމާއީ އަޚްލާޤް ދަމަހައްޓައި ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓަންޖެހޭ ކަމަށާއި މުޖުތަމަޢުގެ އާންމު މަސްލަހަތު ހިމާޔަތްކޮށް މުޖުތަމަޢުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމާއި އަޚްލާޤީގޮތުން ދަށުދަރަޖައިގެ ވާހަކަތަކާއި ލިޔުންތަކަކީ ނޫސްވެރިކަމުގެ އެތިކްސް ނުވަތަ އަޚްލާޤީ ހަމަތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށްވެސް ފާހަގަކުރައްވާފައި ވެއެވެ.
އެހެންކަމުން ނޫސްވެރިކަމުގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންވިޔަސް އަދި ނުކޮށްވިޔަސް މިދެންނެވި މަތިވެރި އުސޫލުން ބޭރުން މީޑިއާގެ އެކި ވަސީލަތްތައް ހިންގަމުން ދިއުމަކީ މިކައުންސިލަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން އިޚްލާސްތެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތް ކުރާ އެތައް ބަޔަކަށް ބަދުނާމާއި ނުހަނު ގިނަގުނަ ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ވީމާ، ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި މުޖުތަމަޢުގެ ޢާއްމު އަޚްލާޤީ މިންގަނޑުގެ ބޭރުން އަނިޔާވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް ޢަމަލުކުރާ މީޑިއާތަކާއި، ބަދުއަޚްލާޤީ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމަށް މަގުފަހިވާފަދަ ގޮތަކަށް ޢަމަލުކުރާ މީޑިއާތަކާމެދު މި ކައުންސިލުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅާނެ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.




