މެސީ އަދި ރޮނާލްޑޯއާއެކު ލިވަޕޫލްގެ ހަކުޅުންތެރިއަކު މިސީޒަންގެ ޗެމްޕިއަންސް ލީގުން ހޮވާލެވުނު ކުޅުންތެރިންގެ ލިސްޓްގައި ހިމެނިއްޖެއެވެ.
މިސްކޮޑުގައި އެއްޓީމަކުން އެންމެ ގިނަ އަދަދަކަށް ހިމެނިފައިވަނީވެސް މިސީޒަންގެ ތަށި ކާމިޔާބުކުރި ލިވަޕޫލްގެ ކުޅުންތެރިންނެވެ.
މުބާރާތުގެ ދެވަނައަށް ދިޔަ ޓޮޓޭންހާމްގެ ތިން ކުޅުންތެރިއަކު މިސްކޮޑުގައި ހިމެނޭއިރު އޭގެތެރޭގައި ހިމެނެނީ ޖެން ވާޓޮންހެން، ސިސޯކޯ އަދި ލޫކަސް މޯރާއެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައި ނުވިނަމަވެސް މެސީއަށާއި ރޮނާލްޑޯއަށް މިސްކޮޑުންވަނީ ފުރުޞަތު ލިބިފައެވެ. ރޮނާލްޑޯ ކުޅެމުން އަންނަ ޔުވެންޓަސް ކުއާޓާގައި ކަޓައިގެން ދިޔައީ އަޔޭކްސް އަތްދަށުވެއެވެ. އަދި މެސީގެ ބާސެލޯނާ ސެމީއިން މުބާރާތާއި އަލްވަދާޢު ކިޔަންޖެހުނީ ލިވަޕޫލްއަތުން ބަލިވެއެވެ.
މިސީޒަންގެ ރަންބޫޓް މެސީ ޙާސިލްކުރިއިރު ޖުމްލަ 12 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ހަވަނަ ޗެމްޕިއަންސް ލީގު ކަށަވަރުކުރި ލިވަޕޫލްގެ ހަކުޅުންތެރިން ޗެމްޕިއަންސް ލީގުން މިސީޒަންގައި ހޮވާލެވުނު ޓީމުގައި ހިމެނިގެން ދިޔައިރު އޭގެ ތެރޭގައި 3 ޑިފެންޑަރުންނާއި މިޑްފީލްޑަރަކާއި ފޯވާޑެއްގެ އިތުރުން ކީޕަރެއް ހިމެނެއެވެ. އެއީ އެލެކްޒާންޑާ އާނޯލްޑް، އެންޑީ ރޮބާޓްސަން، ވާޖިލް ވެންޑައިކް، ޖޯޖީނިއޯ ވައިނަލްޑަމް، ސަޑިއޯ މާނޭ އަދި ކީޕަރު އެލިސަންއެވެ.
? #UCL Squad of the Season 2018/19 ?
— UEFA Champions League (@ChampionsLeague) June 2, 2019
UEFA's Technical Observers have selected their 20-man squad from this season's UEFA Champions League... ? pic.twitter.com/OTCmSlp8KF
މުބާރާތުގައި އާދިޔާޚިލާފު ކުޅުމެއްދެއްކި އަޔޭކްސްގެ 5 ކުޅުންތެރިއަކުވެސްވަނީ މިލިސްޓްގައި ހިމެނިފައެވެ. އެއީ ކެޕްޓަން މަޓިޗް ޑެލިޓް، ފްރެންކީ ދެޖޮން، ޑޭވިޑް ނެރޭސް، ހަކީމް ޒިޔެކް އަދި ޑުސަން ޓަޑިޗްއެވެ.
ޔޫއެފާގެ ޓެކްނިކަލް އޮބްޒާވަރުން އެކުލަވާލި މިޓީމުން ލިޔޯންގެ އެންޑޮންބެލޭ އަދި ސިޓީގެ ޑިބްރޫނޭގެ އިތުރުން ރަހީމް ސްޓާލިންއަށްވެސްވަނީ ފުރުޞަތު ލިބިގެން ގޮސްފައެވެ.