މިދިޔަ އޮކްޓޯބަރު މަހުގެ 30ގައި، ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން، ދ.ކުޑަހުވަދޫ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދަނިކޮށް ނިޔާވި ދ. މާ އެނބޫދޫ، އާދަމް ނަސީރުގެ މަރުގެ މައްސަލައިގައ ރިސޯޓުން އިހްމާލުވެފައިވޭތޯ، ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލަ ބަލައި ދިނުމަށް ފުލުހަށް މީގެ ދެ ދުވަސް ކުރިން ހުށަހަޅާފައިވަނީ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު މައިމޫނާ އަބޫބަކުރެވެ.
އަދި ފުލުހުން މައްސަލަ ބަލަން ފަށައިފައި މިވަނީ، ނަސީރު ނިޔާވުމުގެ ކުރިން، އޭނާގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނި ބަލިބޮޑުވުމުގެ ސަބަބުން، ކަނޑިންމަ ރިސޯޓުގެ މެނޭޖްމެންޓަށް އަންގާ، ފަރުވާއަށް މާލެއަށް ދިއުމަށް އެދުމުންވެސް އެކަމަށް މާބޮޑު އަޅާލުމެއް މެނޭޖްމެންޓު ޓީމުން ދީފައި ނުވާކަމުގެ ތުހުމަތުތަކެއް އާއިލާއިންނާއި އަދި އާއްމުފަރާތްތަކުންވެސް ކޮށްފައިވަނިކޮށެވެ.
ފުލުހުން ދިވެހި އޮންލައިން ނޫސް 'ވަގުތު' އަށް މައުލޫމާތު ދެމުން ބުނީ، ކަނޑިންމަ ރިސޯޓުން މުވައްޒަފަކު ނިޔާވި މައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާ ކަމަށެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންވެސް އަންނަނީ އެކަމުގައި ރިސޯޓުގެ އިހުމާލެއްވޭތޯ ބެލުމަށް ތަހުގީގު ފަށާފައެވެ.
ފަރުވާ އަށް މާލެ ފޮނުވުމަށް އެދިފައި އޮންނަތާ ގާގްގަނޑަކަށް ދިހަ ދުވަސްފަހުން، މިދިޔަ މަހުގެ އޮކްޓޯބަރު 30 ގައި ނަސީރުގެ ހާލު ސީރިއަސްވެ، ޑޮކްޓަރުގެ ލަފައާއެކު ކުޑަހުވަދޫއަށް ގެންދިޔަ ނަމަވެސް، އޭނާ ވަނީ ނިޔާވެފައެވެ. އަދ މީސްމީޑިއާގައި ފެތުރިފައިވާ މައުލޫމާތަކަށް ބަލާއިރު، އެދުވަހުގެ ކުރީ ދުވަހު،( އޮކްޓޯބަރު 29)ގައި ނަސީރު ފާހާނާއަށްވެސް ވަނީ ވެއްޓިފައެވެ. އަދި އިތުރު މަަވައްޒަފެއްގެ އެހީގައި އޭނާ ރިސޯޓުގެ ޑޮކްޓަރަށް ދެއްކިއިރު، ނަސީރުގެ ހާލު ސީރިއަސްކަމަށް، އެޗްއާރު ޑިރެކްޓަރ އަށް ނަސީރު ބެލި ޑޮކްޓަރު އެންގި ކަމަށް ވާހަކަ ފެތުރިފައިވެއެވެ.
ނަސީރު މަރުވުމުގައި ކަނޑިންމައިގެ އިހުމާލު އޮތް ކަމުގެ ތުހުމަތުތައް ނަސީރުގެ އާއިލާއިންނާއި އަދި ރިސޯޓުގެ މުވައްޒަފުންވެސް ކުރަމުންދާއިރު، މިކަމާއި ގުޅިގެން ރިސޯޓުން އެއްވެސް ވާހަކައެއް އަދި ނުދައްކައެވެ.



