އޭދަފުށީގައި އެލުވި މޫދު އުނދޯލި - ފޮޓޯ: ރަޔާން ފޮޓޯސް

އިޔާދަކުރަނިވި ހަކަތައިން ދިއްލޭގޮތަށް ހެދި ފުރަތަމަ މޫދު އުނދޯލި، އޭދަފުށީގައި!

މިފަހަކަށް އައިސް ރަށުގެ ރީތި ނަން ރަމްޒް ކޮށްދޭ ލޭންޑް މާކެއްގެ ގޮތުގައި ތައްޔާރުކުރަމުން އަންނަ ރީތި ވިލުގައި އެލުވާފައިވާ އުނދޯލިތަކަކީ ރަށުގެ ގުދުރަތީ ރީތިކަމާއި ފެހިކަމަށް އިތުރުވެގެންދާ ބޮޅެކެވެ. އެގޮތުން މިފަދަ ރީތި އުނދޯލިތައް ފަދަ ރަށުގެ ލޭންޑްމާކުގެ ގޮތުގައި އެކި ރަށްރަށުގައި ހަދާފައިވާ ހައިރާންކުރުވަނިވި މަސައްކަތައް ފެނި އެވާހަކަތައް އަޑުއަހާފައިވާނެއެވެ.

އެކި ރަށްރަށުން އެރަށެއްގެ ޒުވާނުންގެ ހުނަރުވެރިކަން ފެނިގެންދާ މިފަދަ ތަފާތު މަސައްކަތްތައް ދައްކަމުންއަންނަ އިރު، މިފަހަރު މިފަދަ މޫދު އުނދޯޔެއް ހަދާ ފެންވަރުގައި ދައްކާލީ ބ.އޭދަފުށިންނެވެ.

ކުޅިވަރުގެ ކާމިޔާބު ކްލަބެއްގެ ގޮތުގައި އޭދަފުށީ ޒުވާނުން ގުޅިގެން ހިންގަމުން އަންނަ "ވެލާ ސްޕޯޓްސް" ކްލަބުން ރަށް ދެކެ ލޯބިވާވަރު ހާމަކުރީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު އެ ރަށުގެ ރައްޔިތުންނަށް ހުޅުވާލި ހިތްގައިމު މޫދު އުނދޯލިންނެވެ.

އޭދަފުށީގައި އެލުވި މޫދު އުނދޯލި - ފޮޓޯ: ރަޔާން ފޮޓޯސް

 

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި މި ތަން ރަސްމީކޮށް ހުޅުވާލުމުގެ ކުރިން، މީސްމީޑިއާގައި ހިތްގައިމު ފޮޓޯތަކަކާއެކު ރަމްޒީކޮށް އާއްމުންނަށް އެރަށުގެ މޫދުގައި އެލުވާފައިވާ މި އުނދޯލި އިއްޔެ ވަނީ ދައްކާލާފައެވެ. އަދި މި ފޮޓޯތައް ފެނި ގިނަ ބަޔަކަށް ވަނީ މިތަން ވަރަށް ކަމުގޮސްފައެވެ.

އޭދަފުށީ، ހުޅަނގު އުތުރުގައި އޮންނަ ހިތްގައިމު ބީޗުގެ މޫދުގައި ދެ މީހުންނަށް އިށީންދެވޭގޮތަށް އެލުވާފައިވާ މި އުނދޯއްޔަކީ ފޮޓޯ ނެގުމަށް ހާއްސަ ތަނެކެވެ. އެއް ހަރުގައި ދެ އުނދޯލި އެލުވާފައިވާއިރު، އުނދޯލީގެ މަތީގައި ރަށުގެ ނަން "އޭދަފުށި" ލިޔެފައި އޮތެވެ. އަދި ނަމުގެ ދެ ފަރާތުގައި ދެ ވެލާ ހަރުކޮށްފައި ހުރިއިރު، މޫދުގެ މާހައުލާ ވަރަށްވެސް ރައްޓެއްސެވެ.

އޭދަފުށީގައި އެލުވި މޫދު އުނދޯލި - ފޮޓޯ: ރަޔާން ފޮޓޯސް

ވެލާ ސްޕޯޓްސް ކްލަބުން ބުނީ، އެލުވާފައިވާ އުނދޯލީގައި ހަރުކޮށްފައިވާ ރަށުގެ ނަން ރަމްޒުކޮށްދޭ ނަންބޯޑުގެ ދެ ފަރާތުގައި ހަރުކޮށްފައިވާ ވެލާއިން ދައްކައިދޭން ބޭނުންވަނީ، އެ ރަށަކީ ޔުނެސްކޯ ބައޮސް ފިއާ ރިޒާވް ތަނެއްކަމަށާއި، އަދި ވެލައަކީ ހިމާޔަތްކޮށްފައިވާ އެއްޗެއްކަމަށެވެ.

މީގެ އިތުރުން، އެހެން ރަށްރަށުގައި ހުންނަ މޫދު އުނދޯލިތަކާ ހިލާފަށް، އޭދަފުށީގައި އެލުވާފައިވާ މި އުނދޯންޏަކީ، އިއާދަކުރުވަނިވި ހަކަތަ ބޭނުން ކޮށްގެން އުނދޯލީގައި ހަރުކޮށްފައިވާ އެ ރަށުގެ ނަންބޯޑު ރޭގަނޑު ދިއްލޭގޮތަށް ހަދައިފައިވާ މަސައްކަތެކެވެ.

އޭދަފުށީގައި އެލުވި މޫދު އުނދޯލި - ފޮޓޯ: ރަޔާން ފޮޓޯސް

މިއީ ރާއްޖޭގައި، މިފަދަ މޫދު އުނދޯޔެއް އިއާދަކުރުވަނިވި ހަކަތައިން ދިއްލޭގޮތަށް ހެދި ފުރަތަމަ ފަހަރުކަންވެސް ވެލާ ސްޕޯޓްސް ކްލަބުން ފާހަގަކޮށް، ބުނީ، މިކަމުގެ ބޭނުމަކީ، އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރެވޭނެކަން އެހެން މީހުންނަށް އަންގައިދީ ނަމޫނާއަކަށް ވުންކަމަށެވެ.

ވެލާ ސްޕީޓްސް ކްލަބުން ބުނީ، މި މަސައްކަތަކީ ޖުމްހޫރީ ދުވަހު ހުޅުވުމަށް އަމާޒުހިފައިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ފެށުނު މަސައްކަތެއްކަމަށެވެ. އަދި މަސައްކަތް ނިއްމާލެވިފައިވަނީ ވެލާ ސްޕޯޓްސް ކްލަބުގެ މެންބަރުންނާއި އެރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުންކަމަށް އެ ކްލަބުން ފާހަގަކުރިއެވެ. އެގޮތުން މި މަސައްކަތް ކުރުމުގައި އަމަލީ ގޮތުން ކަލްބުގެ މެންބަރުންނާއި ރަށުގެ ގިނަ ޒުވާނުންތަކެއް ބައިވެރިވެފައިވާކަން ކްލަބުން ފާހަގަކޮށްފައިވެއެވެ. އަދި މި މަސައްކަތަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ރަށުގެ ވަރަށް ގިނަ އަމިއްލަ ފަރާތްތަކަކުންނާއި، ކްލަބުގެ މެންބަރުންގެ އިތުރުން ވިޔަފާވެރިވެރިން ދިންކަން ފާހަގަކޮށް ކްލަބުން އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

އޭދަފުށީގައި އެލުވި މޫދު އުނދޯލި - ފޮޓޯ: ރަޔާން ފޮޓޯސް

މީގެ އިތުރުންވެސް ކުރިއަށް އޮތްތާގައި އެ ސަރަހައްދުގައި މައިޒާންތައް އަޅާ، ރަށުގެ ރައްޔިތުންނަށް ބީޗުކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ވިސްނުން އެބަހުރިކަމަށް ވެލާ ސްޕީޓްސް ކްލަބުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
8
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ