ޓެރަރިޒަމް އަމަލާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.
ފުލުހުން ވިދާޅުވީ ޓެރަރިޒަމް އަމަލާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީއޮފް ހޯމްއެފެއާޒްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް، 18 އަހަރުގެ މީހާއަށް 5 ދުވަސް، އަދި އެހެން އެންމެނަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރާއި 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ، މި އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި އަދި ތ. ތިމަރަފުށީގައިކަމަށެވެ.




