ދިވެހި ރައްޔިތުންގެ ބަސް ހޯދުމެއްނެތި މި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާލަން ނިންމާފައިވާ ކަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވުމާއި ގުޅިގެންނެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށައަޅުއްވަމުން އަމީރު ވިދާޅުވީ، ހިއްސާގެ ބާޒާރުގައި ކުންފުނިތައް ލިސްޓްކޮށް ކުންފުނިތަކުގެ ހިއްސާ ގަންނާނެ ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޖަމީލް މިއަދު ކުރެއްވި ތްވީޓްގައި ވިދާޅުވީ، ސަރުކާރު ލިބި މަޖިލިސް ލިބުމަކީ ބޮޑެތި ނިންމުންތަކުގައި ރައްޔިތުން އެއްކިބާކުރަން ލިބޭ ޙުއްޖަތެއް ނޫން ކަމަށެވެ.
"ސަރުކާރު ކުންފުނިތައް ބޭރު ފަރާތްތަކަށް ވިއްކުމުގައި ރައްޔިތުންގެ މަޞްލަޙަތު އޮތްގޮތް ބަލަންޖެހޭ. ރައްޔިތުންގެ ބަސް ހޯދުމެއްނެތި ނިންމާ ކޮންމެ ނިންމުމެއް ބާތިލް." ޖަމީލް ވިދާޅުވިއެވެ.
ސަރުކާރު ލިބި މަޖިލިސް ލިބުމަކީ ބޮޑެތި ނިންމުންތަކުގައި ރައްޔިތުން އެއްކިބާކުރަން ލިބޭ ޙުއްޖަތެއް ނޫން. ސަރުކާރު ކުންފުނިތައް ބޭރު ފަރާތްތަކަށް ވިއްކުމުގައި ރައްޔިތުންގެ މަޞްލަޙަތު އޮތްގޮތް ބަލަންޖެހޭ. ރައްޔިތުންގެ ބަސް ހޯދުމެއްނެތި ނިންމާ ކޮންމެ ނިންމުމެއް ބާތިލް.
— Mohamed Jameel Ahmed (@MJameelAhmed) November 15, 2020




