އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރަމުންދާ ލޯންތަކަށް އެދި އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެސްޑީއެފްސީ އިން ވިދާޅުވެފައި ވަނީ އެފަރާތުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން، ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނަމުންދިޔަ ލޯނު އެޕްލިކޭޝަންތައް، 08 ނޮވެމްބަރު 2020 އިން ފެށިގެން އެ ކޯޕަރޭޝަންގެ އޮންލައިން ޕޯރޓަލްމެދުވެރިކޮށް ހުށަހަޅާގޮތައް ބަދަލުކޮށްފައިވާ ކަމަށެވެ.
މިތާރީޚުން ފެށިގެން ކައުންޓަރުން އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލޯން އެޕްލިކޭޝަންތައް ބަލައިގަތުން ހުއްޓާލާފައިވާ ކަމުގައި އެ ފަރާތުން ވަނީ ވިދާޅުވެފައެވެ.
އެ ކޯޕަރޭޝަނުން ވިދާޅުވީ އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމައްޓަކައި ޢީފާސް އެކައުންޓެއް ބޭނުންވާނެކަމަށެވެ.
އީފާސްއަކީ ސަރުކާރު މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތް ހޯދުމަށް ބޭނުންކުރާ އެކައުންޓެކެވެ. އީފާސް އެކައުންޓް ހުޅުވޭނީ އައިޑީކާޑުގެ ތަފްސީލު، މޯބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް ބޭނުންކުރައްވައިގެންނެވެ.
އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ކުރިއަށްދާގޮތުގެ ސްޓޭޓަސް ޗެކުކުރެއްވޭނެކަމުގައި އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.
އެ ކޯޕަރޭޝަނުން ވިދާޅުވެފައި ވަނީ މިގެނެވުނު ބަދަލާއިއެކު، އެ ކޯޕަރޭޝަނުން ދޫކުރަމުންދާ ލޯނުތަކަށް އެދިހުށަހެޅުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.



