ރޭވުން (1)

އަނެއްކާވެސް ޒާހިދާ އައިސް ޝުބާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. މިހާރު އެއީ ފަސްވަނަ ފަހަރެވެ. އެހެންނޫނީ ފަތިސް ނަމާދުކޮށްގެން ޝުބާ ނުކުމެ ޒާހިދާއާއެކު ސައި ހެދުމުގައި ބަދިގެތެރޭގައި އުޅޭނެއެވެ. އެއަށްފަހު ދެން އޭނާ ދާނީ އޮފީހަށެވެ. ޝުބާ އުޅެނީ ރަށު ކައުންސިލް އޮފީހުގައެވެ. މިހާރު އޮފީހަށް ދާ ގަޑިވެސް ޖެހެނީއެވެ. ނަމަވެސް މިއަދު އަދި ޝުބާގެ ޚަބަރެއް ނުވެއެވެ.

"ޝުބާ! އޮފީހަށް ދާ ގަޑި ޖެހެނީ." އަނެއްކާވެސް ޝުބާއަށް ގޮވާލާފައި ޒާހިދާ ދޮރުގައި ޖަހާލިއެވެ. ނަމަވެސް އެތެރެއިން އެއްވެސް ހިލަމެއް ނުވިއެވެ.

"މަންމާ ކިހިނެއްވީ؟" ޒާހިދާގެ ފަހަތުން އިވުނީ ދީމްގެ އަޑެވެ. އެއީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅެވެ. އޭރު ދީމް ހުރީ އޮފީހަށް ދާން ތައްޔާރުވެގެން ނުކުމެ ކޮޓަރި ދޮރުމަތީގައެވެ.

"ދަރިފުޅާ ޝުބާ ނުނިކުމެގެން މިއުޅެނީ. މަންމަ ކިތަންމެ ފަހަރަކު ގޮވައިފިން. އެތެރެއިން އެއްވެސް އަޑެއްވެސް ނުއިވޭ. މަންމަ މިހާރު ހާސްވޭ އެބަ." ޒާހިދާ ކަންބޮޑުވެފައި ބުންޏެވެ.

"މަޑުކުރޭ އަހަރެން ޝުބާގެ ފޯނަށް ގުޅާލާނަން. މާ ގަދައަށް ނިދިފަ އޮތީ ކަންނޭނގެ." ދީމް ފޯނު ނަގާފައި ޝުބާގެ ނަންބަރަށް ގުޅާލަމުން ބުންޏެވެ. ނަމަވެސް ފޯނުގެ ރިންގު ކެނޑުނުއިރުވެސް ޝުބާ ފޯނެއް ނުނެގިއެވެ.

"އަހަރެން ދާނިޝްއަށް ގުޅާލާފަ އަހާލާނަން. ފަހަރެއްގާ ބަލިވެ އުޅޭތީ ރޭގަ ނުނިދާ އުޅެފަ މާ ފަހުން ނިދުނީމަ ވީ ގޮތަކަށްވެސް ވެދާނެ. މަންމަ ކަންބޮޑު ނުވޭ." މަންމަ ހަމަޖައްސާލުމަށްޓަކައި ދީމް ބުންޏެވެ. އަދި މަންމަގެ ކޮނޑުގައި އަތް ޖައްސާލައިގެން ގޮސް ސިޓިންގ ރޫމްގައި ހުރި ސޯފާގެ ގޮނޑިއެއްގައި ބޭންދިއެވެ.

ދީމްއާއި ދާނިޝްއަކީ ޒާހިދާގެ ތިބި ހަމައެކަނި ދެ ކުދިންނެވެ. ޒާހިދާގެ ފިރިމީހާ ޢަލީ ހާރޓް އެޓޭކެއް ޖެހިފައި ނިޔާވީ މީގެ ދެއަހަރު ކުރިންނެވެ. ދީމްއާއި ދާނިޝްއަކީ މައިންބަފައިންދެކެ ވަރަށް ލޯބިވާ ދެކުދިންނެވެ. އެ ދެބެއިންވެސް އެއްކުއްޖަކު އަނެއް ކުއްޖަކުދެކެ އެހާ ލޯބިވެއެވެ. ދީމްގެ އުމުރުން މިހާރު ތިރީސް އަހަރެވެ. ދާނިޝްގެ އުމުރުން ފަންސަވީސް އަހަރެވެ. ދީމްއަކީ ކިޔަވަން މާ ޝައުޤުވެރިވާ ކުއްޖެއް ނޫންކަމުން އޭނާ ކިޔެވީ އޭލެވެލްއާ ހަމައަށެވެ. ނަމަވެސް ދާނިޝް އޭގެ އިދިކޮޅެވެ. އޭނާއަކީ ވަރަށް ހިތް އަލި އަދި ކިޔެވުމުގައި އެއްވަނަ ސަފުގައި އަބަދުވެސް ހިމެނޭ ކުއްޖެކެވެ.

ދީމް ވަޒީފާ އަދާކުރަނީ ރަށު އޮފީހުގައި ސެކެޓްރީއަކަށެވެ. ނަމަވެސް ދާނިޝް ވަޒީފާ އަދާކުރަނީ މާލޭގެ ވަރަށް މަޝްހޫރު ކުންފުންޏެއްގައެވެ. ރަށުން ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ނުލިބޭތީއާއި މާސްޓާރސްއަށް ކިޔަވަމުންދާތީ ދާނިޝް އަދި މާލޭގައި މަޑުކޮށްލައިގެން ހުރީއެވެ. ކިޔެވުމުގެ އިތުރުން މަންމަ ޙައްޖަށް ފޮނުވުމަށްޓަކައި ލާރި އެއްކުރުމާއެކު އޭނާ އެދަނީ މާލެއިން އަމިއްލަ ގެޔެއް ގަތުމަށްޓަކައިވެސް ފައިސާ އެއްކުރަމުންނެވެ. ދީމްގެ އަންހެނުން ހިދާޔާއަކީ ވަރަށް ޒީލަގަދަ ކުއްޖެކެވެ. އެއީ ފާޑެއްގެ ސިނގު ރުޅިއެއް ހުންނަ ކުއްޖެކެވެ. ހިތަށް އަރައިފިނަމަ ކޮންމެ އެއްޗެއްވެސް މީހުންނާ ދިމާއަށް ބުނެފާނެއެވެ. ކަންނެތްކަންވެސް އެހާ ބޮޑެވެ. ކައިވެންޏަށް ހަތަރު އަހަރު ފުރިފައިވާއިރު އެދެމަފިރިންނަށްވަނީ ފިރިހެން ކުއްޖެއް ލިބިފައެވެ. ދަރިފުޅުގެ އުމުރުން މިހާރު ދެ އަހަރެވެ. ދީމް ކެތްކޮށްލައިގެން ހުންނަނީ ހިދާޔާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި މިހާރު ދަރިފުޅަށްޓަކައިވެސްމެއެވެ. ނަމަވެސް ޝުބާއަކީ ހިދާޔާގެ ދިމާ އިދިކޮޅެވެ. އެއީ ވަރަށް ބަސްއަހާ، މަޑުމައިތިރި އަދި އެހާމެ ކިޔަމަންތެރި ކުއްޖެކެވެ. ގޭތެރޭގައި ހުރިހާ ކަމެއްގައި ޒާހިދާއަށް އެހީތެރިވެދެނީ ޝުބާއެވެ. އެހެންކަމުން ޒާހިދާ ޝުބާދެކެ ވަރަށް ލޯބިވެއެވެ. އެކަމާވެސް ހިދާޔާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. ހިދާޔާގެ ގޮތް އެނގޭތީ ދާނިޝްވެސް ކޮންމެހެން ޝުބާ މާލެ ގެންދާކަށް ބާރެއް ނާޅައެވެ. ޝުބާވެސް ބޭނުންވީ ޒާހިދާއަށް އެހީތެރިވުމަށްޓަކައި ރަށުގައި ހުންނާށެވެ. ޗުއްޓީއެއް ހަމަ ލިބޭއިރަށް ދާނިޝް ރަށަށް އާދެއެވެ. އެދެމަފިރިންގެ ކައިވެންޏަށް ދޮޅު އަހަރުވެފައިވާއިރު ދަރިއަކު ހޯދަން ޝުބާ ބޭނުންވަނީ ދާނިޝް ކިޔަވާ ނިމުމުންނެވެ. ދާނިޝް ޝުބާދެކެ އިންތިހާއަށް ލޯބިވެއެވެ. ކައިވެނިކުރީ ދެއަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހުގައެވެ.

"ހެނދުނުއްސުރެ ޝުބާގެ ޚަބަރެއް ނުވެގެން މިއުޅެނީ. ދޮރުގަ ތަޅާތަޅާވެސް ދޮރެއް ނުހުޅުވާ. ދާނިޝް އެންމެ ފަހުން ޝުބާއާ ވާހަކަދެއްކީ ކޮންއިރަކު؟" މަންމައަށް އަޑު އިވިދާނެތީ ދީމް ދާނިޝްއަށް ގުޅީ ގޯތިތެރެއަށް ނުކުމެފައެވެ.

"ރޭގަ އަހަރެން ވާހަކަދެއްކިން. މަންމަ އަތުގަ އޮންނާނެއެއްނު ޑަބަލް ކީ. އޭގެން އަވަހަށް ކޮޓަރި ހުޅުވާލަންވީނު." ދީމްގެ ވާހަކައިން ދާނިޝްވެސް ކަންބޮޑުވިއެވެ.

ޒާހިދާ ކައިރީގައި ބުނެގެން ދީމް އަވަހަށް ކޮޓަރި ދޮރު ހުޅުވިއެވެ. ޝުބާ ނިދާފައި އޮވެދާނެތީ ފުރަތަމަ ކޮޓަރިއަށް ވަނީ ޒާހިދާއެވެ. ދޮރުމަތީގައި ހުރެފައި ފުރަތަމަވެސް ޒާހިދާ ބަލާލީ އެނދުމައްޗަށެވެ. ނަމަވެސް އެ ތަނަވަސް ކޮޓަރީގެ މެދުގައި ބަހައްޓާފައި ހުރި ކިންގް ސައިޒްގެ އެނދު ހުރީ ހުހަށެވެ. ކޮޓަރީގެ އެއްވެސް ހިސާބެއްގައި ޝުބާ ފެންނާކަށް ނެތެވެ. އެހެންކަމުން ޝުބާއަށް ގޮވާލަމުން ޒާހިދާ އެތެރެއަށް ވަނެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ފާޚާނާ ދޮރު ކުޑަކޮށް ހުޅުވިފައި ހުރިތަން ޒާހިދާގެ ލޮލުގައި އަޅައިގަތެވެ. އެހެންކަމުން ޝުބާގެ ނަމުން ގޮވާލަމުން ޒާހިދާ ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. އަދި އެހިސާބަށް ގޮސް މަޑުމަޑުން ދޮރު ފަހަތަށް ކޮށްޕާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ޒާހިދާއަށް ސުބުޙާނަﷲ އޭ ކިޔާފައި ބާރަށް ރޮއިގަނެވުނެވެ. އެ އަޑު ބޭރުގައި ހުރި ދީމްއަށް އިވުމާއެކު އަވަސްކޮށްލާފައި ކޮޓަރިތެރެއަށް ވަނެވެ. އޭރު ޒާހިދާ ހުރީ ފާޚާނާ ދޮރުމަތީގައި ދެލޯ ބޮޑުވެފައި އަނގަމަތީގައި އަތްއަޅައިގެން ހުއްޓުން އަރާފައެވެ. އެ މަންޒަރު ފެނުމުން ދީމް މަންމާއޭ ކިޔާ ގޮވާލާފައި އަވަސް އަވަހަށް އެދިމާއަށް ދުއްވައިގަތެވެ. ފާޚާނާތެރެ ފެނުނު ވަގުތު ދީމްއަށްވެސް ވީ ޒާހިދާއަށް ވީކަހަލަ ގޮތެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މުޅި އެތަނުގައި އޮތީ ލޭގެ ކޯރެއް ހެދިފައެވެ. ޝުބާ އޮތީ މޫނު ދޮންނަ ތަށި ކައިރިއަށް ވެއްޓިފައެވެ. އެއް ލޯވެސް އޮތީ ޗިސްވެފައެވެ. ދޫ އޮތީ ބޭރަށް ނުކުމެފައެވެ. ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. އެހާ ބައިވަރު ލޭ ފެނުމުން ދީމްގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ނަމަވެސް މަންމައަށްޓަކައި އޭނާ އެވަގުތު ހިތްވަރުކުރަންޖެހޭނެކަން އެނގޭތީ އަވަސްއަވަހަށް މަންމަގެ ކޮނޑުގައި އަތް އަޅުވާލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ