ހއ. ހޯރަފުށީގައި މިރޭ ހަވާއެރުވުމަށް ހަމަޖެހިއްޖެއެވެ.
ހޯރަފުށީގައި ހަވާ އެރުވުމަށް ހަމެޖެހިފައިވާއިރު، އެރަށުގައި ތަރައްޤީ ކުރި އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް މިއަދު ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް މިއަދު ވަނީ އެރަށަށް ޒިޔާރާތް ކުރައްވާފައެވެ.
ހޯރަފުށީ ރައްޔިތުންނަށް ލިބިގެން މި ދިޔަ އުފާވެރިކަން ފާހަގަ ކުރުމުގެ ގޮތުން ހަވާއެރުވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ހޯރަފުއްޓަށް ވަޑައިގަތުމާއި ގުޅިގެން އެމަނިިކުފާނަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އެގޮތުން އެމަނިކުފާނަށް މަރުޚަބާ ދެންނެވުމުގެ ގޮތުން ބޮޑު ބެރުގެ ޚާއްސަ ހަރަކާތަކާއި ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ ނެށުމުގެ ޚާއްސަ ހަރަކާތެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މަރުޚަބާ ދެންނެވުމުގެ މި ހަރަކާތްތަކަށްފަހު މިއަދު 2:00 ގައި ހއ. އަތޮޅު މަދަރުސާގެ ސްކޫލް ހޯލުގައި ޝަރަފުވެރިންނަށް ވަނީ ފަރިއްކޮޅެއް ތައްޔާރު ކުރައްވާފައެވެ.
ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައެވެ.



