ޤާސިމް މިހެން ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައިވާ މެސެޖެއްގައެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓް ފާސްކުރަންޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، މި ބަޖެޓް ވަރަށް ރަނގަޅު ކަމަށާއި އެހެންނާވެސް ބަޖެޓް ފާސްކުރަނީ ދަރަނިކޮއް ކަމަށެެވެ.
"މި ކަމުނުގޮސްގެން އުޅެނީ ރައީސް ވެރިކަމުން ވައްޓާ ނުލެވިގެން އެކަމާއި އުޅޭ މީހުން." ސިޔާސީ މަޤާމްތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުންނަށް ފޮނުއްވި މެސެޖްގައި ޤާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.
ޤާސިމްގެ މެސެޖެގައި އިތުރަށް ބުނެފައިވަނީ، މިހާރު ކުރައްވަންވީ ކަމަކީ އެތެރޭގެ ދަރަނިތަކުގެ ތެރެއިން އެމްއެމްއޭ އިން ނަގާފައިވާ ހުރިހާ ދަރަންޏެއް ސުމަކަށް ހަދަންވީ ކަމަށާއި ނޫނީ ރައިޓް އޮފް ކުރަންވީ ކަމަށެވެ. އެއީ މި ދެއަހަރު ތެރޭގައި ވެފައިވާ ދަރަނި ކަމުގައި ނުވެފައި، އެއީ 2005 ވަނަ އަހަރުން ފެށިގެން އަރަމުންއަންނަ ދަރަނިކަމުން އެ ރައިޓް އޮފް ކުރުމަކުން މިހާރު ދެން އަންނާނެ އިތުރު ނުބައެއް ނެތީމައި ކަމަށެވެ.
އަދި މިގޮތަށް ދަރަނިކޮށް ފާސްކުރިޔަސް އެފައިސާ ލިބިގެންނޫނީ ހަރަދު ނުކުރެވޭނެކަން ފާގަހަކުރައްވަމުން ޤާސިމް އިތުރަށް ވިދާޅުވީ، ކޮންމެ އަހަރަކުވެސް ފާސްކުރާ ބަޖެޓްގައިވާ ހުރިހާ ފައިސާއެއް ނުލިބޭ ކަމަށެވެ. އަދި ހަރަދުވެސް ނުކުރެވޭ ކަމަށެވެ.
"މިގޮތަށް މުޅި ޤައުމު ތާށިވީމަ، މަޖިލީހުން ތިޔަގޮތަށް ތާށިކުރީމަ ރައްޔިތުން ޖެހޭނީ ބަނޑައް. އެއީ ތޯ ތިޔަކުރައްވާން އުޅުއްވާ ކަމަކީ. އެހެން ހެދިގެން ނުވާނެ. ދެން ކުރަންވީ ކަމަކީ ބޭރުން ނަގާފައިވާ ދަރަނި ދެއްކުމަށް އިތުރު މުއްދަތު ހޯދުމަށް ސަރުކާރުންކުރާ މަސައްކަތައް މަޖިލީހުން ފުރިހަމައަށް އެހީވާންވީ" ޤާސިމްގެ މެސެޖްގައި ބުނެފައިވެއެވެ.
ޤާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ، ދިވެހި ޤައުމަށް ކުރިއެރުން އަދި ރައްޔިތުންނަށް އުފާވެރިކަމާއި ރޯޝަނީކަން ދެއްވުންއެދި ދުއާކުރައްވާ ކަމަށެވެ.