މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު | ފޮޓޯ: މަޖިލިސް

ބަޖެޓާއި ރައީސް ސޯލިހް އާއި އޮތް ބީރައްޓެހިކަން ހާމަވެއްޖެ: ސައީދު

ދައުލަތުގެ ބަޖެޓާއި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް އާއި އޮތް ބީރައްޓެހިކަން ހާމަވެއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމިނުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން އަދާކުރެއްވި މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓާއި ގުޅޭގޮތުން ރައީސް ސޯލިހް މިއަދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ސައީދު ވިދާޅުވީ، އިގްތިސާދު ހިނގުމަކީ ރައީސް އޮފީސް ހިމެނޭ ގޮތުން ފަސް މިނިސްޓްރީއެއްގެ އިދާރީ ހަރަދުތައް އާންމު އަހަރުތަކަށްވުރެ 300 މިލިއަން ބޮޑުކޮށް ކައުންސިލް އިންތިހާބަށް ސިޔާސީ ވަޒީފާތައް ފުނިޖެއްސުމެއް ނޫންކަމަށެވެ.

"އިގްތިސާދު ހިނގުމަކީ ރައީސް އޮފީސް ހިމެނޭ ގޮތަށް ފަސް މިނިސްޓްރީއެއްގެ އިދާރީ ހަރަދު އާންމު އަހަރުތަކަށްވުރެ 300 މިލިއަން ބޮޑުކޮށް ކައުންސިލް އިންތިހާބަށް ސިޔާސީ ވަޒީފާތައް ފުނިޖެއްސުމެއް ނޫން، ބަޖެޓް އާއި ރައީސް ސޯލިހްއާއި އޮތް ބީރައްޓެހިކަން ވަރަށް ބޮޑަށް ހާމަވެއްޖެ" ސައީދު ވިދާޅުވިއެވެ.

ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވެފައިވަނީ، މިއީ ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓުތައް ހުއްޓާލަންވީ ވަގުތު ނޫން ކަމަށާއި، މި ދަނޑިވަޅުގައިވެސް އިގްތިސޯދު ހިންގަން ޖެހޭ ކަމަށެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ 34 ބިލިއަން ރުފިޔާގެ ބަޖެޓަކީ ކޮވިޑުގެ ބަލިމަޑުކަމުގެ މި ހާލަތުގައި އިގްތިސާދު ހިނގައިގަނެވޭނެ ގޮތްތަކަށް އަމާޒުކޮށް މިވަގުތަށް ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށް ވިދާޅުވެ ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅަށްވެސް ސައީދުވަނި މިރޭ ރައްދު ދެއްވައިފައެވެ.

މިގޮތުން ސައީދު ވިދާޅުވެފައިވަނީ، ދުނިޔެއަށް "ފައިނޭންޝިއަލް ކުރައިސިސް" އެއް ނާންނަ ކަމާއި މިދުވަސްވަރު ބޮޑު ބޫމް އެއް ރާއްޖެއަށް އައްނާނެ ކަމަށް ގަބޫލުކުރާ ރައީސަކު މިފަދައިން ވިދާޅުވުމަކުން ހައިރާން ނުވާކަމަށެވެ. ގޮތްދޫކޮށް ރަނގަޅު ލަފާ ހޯދަވެމަށްވެސް ސައީދުވަނީ ރައީސް ސޯލިހް އަށް ގޮވާލައްވައިފައެވެ.

ރައީސް ސޯލިހް މިއަދު ފުރަތަމަ ފަހަރަށް ކުރިއަށް އޮތް ބަޖެޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި ބަޖެޓު އެއޮތްގޮތަށް ފާސްކުރެއްވުމަށް މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައި ވާއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ ރައީސް ބަޖެޓާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ