ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރިސޯޓު ހަދަން ދޫކުރި ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށާއި އަދި އެ ފައިސާ ވެސް ހިފައިގެން ރައީސް ޔާމީން ވަޑައިގެންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެން، މި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ޞާލިޙަށް އިދިކޮޅު ޕރޮގްރެސިވް ކޯލިޝަނުން ޗެލެންޖް ކޮށްފިއެވެ.
ސަރުކާރުން ތަރައްޤީކުރި ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް ހުޅުވުމަށް އެރަށުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިހާ ހިސާބަށް އައިއިރު ކުރީގެ ސަރުކާރުތަކުން ވަނީ ވިއްކާފައި އޮތް 85 ރަށުގައި ރިސޯޓު ނުހެދި އެބައޮތް ކަމަށާއި، އެހެންކަމުން ދައުލަތަށް ލިބެންވާ އާމްދަނީ ނުލިބޭކަމަށެވެ.
"އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި އެއްވެސް ފަޅުރަށެއް ރިސޯޓުހަދާކަށް ދޫކޮށްފައެއް ނޯންނާނެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް އެ ލިބުނު ފައިސާކޮލޫވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓްގައި ހުރިނަމަތާ މި ދަތި ހާލުތުގައި އަޅުގަނޑުމެނަށް އޭގެން ހަރަދު ކުރެވޭނީ. އެހެންވީމައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒު ވަރަށް ސާފު. އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ހިދުމަތް ކުރަން އައިސް." ރައީސް ޞާލިހްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ،ރައްޔިތުން ބިކަވެ، ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި، އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރައްވައިގެން، ކެމްޕޭނުކުރެއްވުމަށް ރައީސް ޞާލިޙު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ، ޢާންމު އުޞޫލުން، އެމް.ޑީ.ޕީ. ގެ އެންމެ ދަށު ދަރަޖައިގެ އެކްޓިވިސްޓުން ދައްކާފަދަ ދެކޮޅުނުޖެހޭ، ދެއުޅިއެއްނެތް، ސާބިތުނުހިފޭ އަދި ރޯ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށޭވެ.
އިދިކޮޅުން ވިދާޅުވީ، ރައީސް ޔާމީނާމެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ޞާލިޙަށް ޗެލެންޖް ކުރާކަމަށާއި ސާބިތު ނުކުރެއްވޭނަމަ، ރައްޔިތުން އެމަނިކުފާނުގެ ވެރިކަމުން ބާލާދުވަހު، ޤާނޫނީ އިމުގެ ތެރެއިން މިއަދު ދައްކަވަމުންގެންދަވާ ވާހަކަތަކާއި، ހިންގަވަމުންގެންދަވާ ޖަރީމާތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ރައީސް ޞާލިޙަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށޭވެ.
"އެދުވަހަކުން، ކޯޓުގައި ހުންނަވައިގެންވެސް ސާބިތުނުކޮށްދެއްވޭނަމަ، ދިގު މުއްދަތަށް ޖަލުގެ ގޮޅީގައި މަނިކުފާނުވެސް އޮންނަވަންޖެހިވަޑައިގަންނަވާނެ ދުވަސް ގާތްވަމުން އަންނަކަން ދަންނަވާލަން." ދިކޮޅުން ވިދާޅުވިއެވެ.
އިދިކޮޅޫން އިތުރަށް ވިދާޅުވީ، ނުހައްޤުން އަނިޔާވެރިގޮތަކަށް ޖަލަށްލައިގެން މިޕާޓީގެ ރައީސް ގެންގުޅުއްވާތާ އެއް އަހަރު ފުރެމުންދާކަން މިޕާޓީގެ އެއްވެސް މެންބަރެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށާއި ބޭރުގެ އިސްތިޢުމާރީ ބާރެއްގެ މަދަދާއި ފައިސާއިން، އަދި ޤާނޫނު އަސާސީއާއި ޤާނޫނުތައް މުގުރުގެ މަތީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެކަމަށް ހީފުޅުކުރެއްވުމަކީ ބޮޑު ކުށެއް ކަމަށެވެ.