ފައިސާ ދީގެން އެސައިންމަންޓް ހަދާ މައްސަލައަށް ހައްލެއް ހޯދުމަށް ކޮމިޝަނަރ އޮފް ޕޮލިސްއާއި ބައްދަލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ، ދަރިވަރުން މަތީ ތަޢުލީމު ހާސިލްކުރަމުން ދާއިރު ތައްޔާރު ކުރުމަށް ޙަވާލު ކުރެވޭ އެސައިންމަންޓްތަކަކީ އެ ދަރިވަރުންނަށް އުނގަންނައިދޭ މާއްދާތައް ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށްޓަކައި މަތީތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ބޭނުންކުރާ ނިޒާމެއްކަން މި މިނިސްޓްރީން ފާހަގަކުރާކަމަށެވެ. ނަމަވެސް ފައިސާ ދީގެން ދަރިވަރުންނަށް ޙަވާލުކުރެވޭ އެސައިންމަންޓުތައް ވިޔަފާރި އުޞޫލުން އެހެން ފަރާތްތަކާ ޙަވާލުކޮށްގެން ތައްޔާރުކުރަމުންދާތީ ދަރިވަރުންނަށް އެކިއެކި މާއްދާތަކުން ދަސްވެފައިވާ މިންވަރު ވަޒަން ކުރުމަށް މަތީތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ކުރަމުންދާ މަސައްކަތްތަކަށް މިއަދު ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ މަތީތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކަށް މިކަންކަން މިހެން ހުރުމުގެ ސަބަބުން ދަތިތަކެއް ދިމާވެ މަތީތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކާ މަސައްކަތްކުރާ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ފަރާތުން މިކަމުގެ ޝަކުވާ ލިބެމުން އަންނަކަންވެސް އެމިނިސްޓްރީންއިން ފާހަގަކުރިއެވެ.
"މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއެކު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހީމް ހަސަން ބައްދަލު ކުރެއްވުމުގެ މައިގަނޑު އެއް މަޤްޞަދަކީ މިހާރު ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ތަހްޤީޤީ އިދާރާއެއްގެ އެހީތެރިކަމާއެކު ވިޔަފާރި އުޞޫލުން އެސައިންމަންޓް ހަދާ މައްސަލައަށް ޙައްލެއް ހޯދުމެވެ." މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވެއެވެ.
މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި ސޯޝަލް މީޑިއާ އާއި އާންމު ތަންތަނުގައި މިފަދަ ކަންކަން އިޝްތިހާރުކުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެވުނުކަމަށާއި، މި މައްސަލައަށް ތަހްޤީޤީ އިދާރާއެއް މެދުވެރިކޮށް ހައްލެއް ހޯދުމަކީ މިވަގުތު ވެސް ކުރެވިދާނެ ކަމެއްކަން އެނގިގެން ހިގައްޖެކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.
މީގއިތުރުން ބުނީ މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު ތަކުގެ ތެރެއިންވެސް މި މައްސަލަތައް ބެލުމުގައި ހުރަހެއް ނެތްކަން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ފާހަގަ ކުރައްވާފައިވާކަމަށާއި އަދ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަތީތައުލީމާއި ތަމްރީންގެ ބިލު ފާސްވެ ތަސްދީޤުކުރެވޭ ހިސާބުން މި މައްސަލައަށް ހައްލެއް ހޯދުމަށް މިކުރާ މަސައްކަތްތަކަށް އިތުރަށް ފުރިހަމަކަން ލިބިގެން ދާނެކަމަށެވެ. އަދި ދުނިޔޭގެ ތަހްޒީބުވެފައިވާ ބައެއް ޤައުމުތަކުގައި ވެސް މަތީތަޢުލީމު ފެންވަރު ހިފެހެއްޓުމަށްޓަކާ ހަދާ ޤާނޫނު ތަކުން މި މައްސަލައަށް ހައްލު ހޯދައިގެން މިހާރުވެސް ކުރިޔަށް ދާކަން އެމިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



