އިންޑޮނޭޝިއާގެ އެކަހެރި ހިސާބެއްގެ ރަށެއްކަމަށްވާ ސުލަވެސީގައި އަނިޔާވެރި ގޮތެއްގައި ހަތަރުމީހުން މަރާލައިފިއެވެ.
މި ޖަރީމާ ހިނގައިފައިވަނީ ހުކުރު ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. ބަޑިއާއި އަދި ކަނޑި ހިފައިގެން މިރަށަށް އެރި ބަޔަކުވަނީ އެކަކުގެ ބޯ ބުރިކޮށްލައި އަދި އިތުރު މީހެއްގައިގާ ރޯކޮށްލުމަށްފަހު އިތުރު ދެމީހަކު މަރާލައިފައެވެ.
އިންޑޮނޭޝިއާ ސަރުކާރުގެ އިދާރާތަކުން ބުނެފައިވަނީ މަރާލައިފައިވާ ހަތަރު މީހުންނަކީ ނަސޯރާ ދީނަށް ނިސްބަތްވާ ހަތަރު މީހުން ކަމަށެވެ. ފުލުހުންގެ އޮފިޝަލަކު ބުނެފައިވަނީ މި ހަމަލާއަކީ ދީނީ ކަމަކާއި ގުޅިގެން ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. ހަމަލާ ދިން މީހުންވަނީ ގިނަ އަދަދެއްގެ ގެތަކުގައިވެސް ރޯކޮށްލައިފައެވެ.
ހަމަލާ ދިނުމުގެ ފަހަތުގައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފައިވާއިރު އަދި މިމައްސަލައިގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އިންޑޮނޭޝިއާގެ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި މި ހަމަލާގެ ފަހަތުގައިވަނީ އައިއެސް ޖަމާއަތަށް ބައިއަތު ހިފައިފައިވާ އިންޑޮނޭޝިއާގެ ހަނގުރާމަވެރި ޖަމާއަތެކެވެ.
އިންޑޮނޭޝިއާގައި ދިރިއުޅޭ ނަސޯރާ ދީނުގެ މީހުންނަށް އަމާޒުކޮށް މީގެކުރިންވެސް ހަނގުރާމަވެރިން ހަމަލާދީފައި ވެއެވެ. މިގޮތުން2018 ވަނަ އަހަރުވެސް މިފަދަ ހަމަލާތަކެއް ދީފައި ވެއެވެ. މިފަހަރު ހަމަލާ ދީފައިވަނީ އައިއެސްއެސް އާ ގުޅުން އޮންނަ ޖަމާއަތަކުންނެވެ. އައިއެސްއެސްގެ ބާރު އިރާގު އަދި ސީރިއާއިން ކަނޑުވާލެވުނު ނަމަވެސް އެމީހުންނަށް ބައިއަތު ހިފައިފައިވާ ޖަމާއަތްތަކުން އަދިވެސް އައްނަނީ ތަފާތު ގިނަ ހަމަލާތައް ގިނަ ގައުމުތަކެއްގައި ދެމުންނެވެ.



