ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައިސްކަލަކާއި، ދެ ކޭސް ކާށިތެޔޮލުގެ ވެރިފަަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަދި މި ތަކެއްޗަކީ މި ހިނގާ ނޮވެމްބަރު މަހުގެ އެކި ދުވަސްމަތިން މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ.
އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީކަމަށްވެސް ވިދާޅުވިއެވެ.
މިގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
- ނޮވެމްބަރު 25 ވަނަ ދުވަހު ޗާންދަނީ މަގުން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ކަޅުކުލައިގެ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 471265
- ނޮވެމްބަރު 27 ވަނަ ދުވަހު ފަޅުމަތީމަގުން ތުހުމަތު ކުރެވިގެން ހުއްޓުވި ދެ މީހެއްގެ އަތުން ފެނިފައިވާ ދެ ކޭސް ކާށިތެޔޮ (120އެމްއެލް). އިންސިޑެންޓް ނަންބަރު 471485
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެދެއްވުމަށްފަހު ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ޙާޟިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުންވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.




