ރައީސް ޔާމީން އަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބި، މިނިވަންވުމަށް ދުޢާ ކުރައްވާކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު މިހެން ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ނިޒާމީ ނުކުތާއެއްގައި ދެއްކެވި ވާހަކަފުޅާއި ގުޅުވައިގެންނެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ލުޔެއް ލިބި ވީހާވެސް އަވަހަކަށް މިނިވަން ވުމަށް އެދި ރައީސް ނަޝީދު ދުޢާ ކުރައްވާކަމަށް ވިދާޅުވިއިރު ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު ވަނީ ޖަލަށް ލާފައެވެ.
ނިޒާމީ ނުކުތާއެއް ނަންގަވައި ސިޔާމް ވިދާޅުވީ ރައީސް ޔާމީނަށް 5 އަހަރުގެ ދުވަހުގެ ހުކުމެއް ކޮށްފައިވަނީ ނުޙައްޤުން ނާއިންސާފުން ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ނުފިއްލަވާނެ ކަމަށާއި 5 އަހަރު ދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގަންނަވަންޏާ އޮންނަވާނެ ކަމަށެވެ.
"ސީދާ ނަހަލާލު ހުކުމެއް އެއީ. ދަށު ކޯޓުގައި ހުރި ފަނޑިޔާރު މިހާރު އެހުރީ މަތީ ކޯޓަށް ލާފައި އެހުކުމް ޖެހީތީވެ އިއްޒަތްތެރި ރައީސް" ސިޔާމް ވިދާޅުވިއެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ސާހިދު ވާހަކަފުޅު ދައްކަވަމުން ވަނީ ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު ސައީދަކީ ރައީސް ޔާމީންގެ ތާޢީދު ވަރަށް ބޮޑަށް ހޯދާފައިވާ ދެ ބޭފުޅުން ކަމަށާއި އެހެންކަމުން ރައީސް ޔާމީން ޖަލުގައި އޮންނަވާތާ 1 އަހަރުވުމުން އެ ދެބޭފުޅުން އެކަމާ ވަރަށް ކޯފާ އިސްކުރައްވައި އެކަން ފާހަގަ ކުރައްވާ ކަމަށެވެ. ނަމަވެސް އާންމު ގިނަ މެންބަރުން އުޅުއްވީ ދަތުރު ވަޑައިގެން މަޖާކުރައްވައި ނާޗަރަންގީ ކުޅެއްވުމުގައި ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1 އަހަރު ވުމުގެ އުފާވެރި މުނާސަބަތު އެބޭފުޅުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެއްވި ކަމަށެވެ. އެއާއިއެކު ސިޔާމް ވަނީ ނިޒާމީ ނުކުތާ ނަންގަވާފައެވެ.




