އިސްލާމީ މަރުކަޒު - ފެށުން ފޮޓޯ: ވިސާމް

އެދުންތަކާއި ޣަރީޒާތައް ފުއްދާ ނުބައި މަގަކަށް ރުޤްޔާކުރުން ހަދައިގެން ނުވާނެ: ޚުޠުބާ

ޝަރުޢީގޮތުން ހުއްދަ ވަސީލަތްތަކުގެ ބޭނުން ނަޖާއިޒު ގޮތުގައި ހިފުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި، މަކަރުވެރި ކެހިވެރި ރޭވުންތަކުގެ ތެރެއިން، ހަވާނަފްސުގެ އެދުންތަކާއި ޣަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގަކަށް ރުޤްޔާކުރުން ހަދައިގެން ނުވާނެކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ރުޤްޔާ ކުރުމަކީ ބަލިމީހާއަށް ފަރުވާކުރުމުގެ ގޮތުން ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ގެ ސުންތުގައި ވާރިދުވެގެންވާ ދުޢާތަކުގެ ޒަރީޢާއިން ބައްޔަށް ޝިފާދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުން ކަމަށާއި، އެކަމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ އަދުބުތަކާއި ޝަރުތުތަކާއެކު، އެކަމުގެ ޢިލްމު ލިބިހުރި މީހަކު، ޝަރުއީ ހަމަތަކުގެމަތިން، ހުއްދަނޫން އެއްވެސް ކަމެއް ނުހިމެނޭގޮތަށް، އިންސާނިއްޔަތަށްޓަކައި ކުރުން ހުއްދަކެއް ކަމެއް ކަމަށެވެ.

ނަމަވެސް، ކަމުގެ ޞައްޙަ މަޢުލޫމާތާއި ޝަރުއީ ހަމަތަކަށް ބީރަށްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ޙާޞިލުކުރަން ބޭނުންކުރާ ވަސީލަތަކަށް މިއަދު "ރުޤްޔާކުރުން" ހަދައި، ރުޤްޔާގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރުހަދައި، އޮޅުވާލަން ފަށާފައިވާކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

"ރުޤްޔާ ކުރުމުގައި ޝަރްޢީ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ. ފަހަކަށް އައިސް ހަށިގަނޑުން ޖިންނި ނެރުމާއި، ސިހުރު ބާޠިލުކުރުމުގެ ބަހަނާގައި މަޙްރަމަކާނުލައި، އެކަހެރިކޮށް އަންހެނުންނާ ބައްދަލުކޮށް، އެކަންބަލުންނަށް ޖިންސީ ގޯނާކުރާކަމުގެ ޝަކުވާތައް ދަނީ ޢާއްމުވަމުން." ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ފަޞީލަތުއްޝައިޚް ޢަބްދުﷲ ބިން ޢަބްދުއްރަޙްމާނުލް ޖިބްރީންއާއި ހަވާލާދީ ޚުޠުބާގައި ވިދާޅުވެފައިވަނީ، ރުޤްޔާ ކުރުމަށްޓަކައި ޤުރުއާން ކިޔަވައި އަންހެނާ ގަޔަށް ފުމެލުމަކީ މައްސަލައެއްް ނޫން ނަމަވެސް، އަންހެނަކަށް ނުވަތަ މަޙްރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމާއި، މަޙްރަމަކު ފިޔަވައި އަންހެނެއްގެ ގަައިގައި ހުރަހަކާއި ނުލައި އަތްލުމަކީ ހުއްދަ ކަންކަން ނޫން ކަމަށެވެ.

ޝަރްޢީ ރުޤްޔާކުރުމުގެ ނަމުގައި ޖިންނީންނާއި، ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ ދެންނެވުމާއި، ބަލިމީހާ އާއި، ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތަށްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ރުޤްޔާކުރުމުގައި ހިމެނޭ ކަންކަން ނޫން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"އެއީ ސިހުރު ހާހުރަ ހަދާ މީހުން ކުރާ ކަންކަން. މީގެ އިތުރުން ފާލުބެލުމާއި، އިރުވަރު ބެލުމާއި، އަކަ ކުރެހުމާއި، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނުބައިކޮށް ލިޔުމާއި، ބަލިމީހާގެ ހަށިގަނޑު ތެރެއަށް ޖިންނި ޝައިޠާނުން ވައްދައި އެ ޝައިޠާނުންގެ ކިބައިން ކަންކަން އޮޅުން ފިލުވުމާއި، ﷲ ގެ އިސްމުފުޅު ނަންގަތުމެއް ނެތި ޖަނަވާރާއި ދޫނި ފަދަ ތަކެތި ކަތިލަން ބުނުމަކީ ޝަރްޢީ ރުޤްޔާއާ އެއްވެސް ގުޅުމެއްހުރި ކަންކަމެއް ނޫން. އަދި ކީއްހެއްޔެވެ! އެގޮތަށް އެކަން ކުރުމަކީ ޙަރާމް ކަމެއް" ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"ހަމަކަށަވަރުން އިހުގެ ނަބީބޭކަލުންގެ އަރިހުން މީސްތަކުންނަށް އެނގި ބަލައިގެންފައިވާ ބަސްފުޅެއްގައިވެއެވެ. "ތިބާގެ ކިބައިގައި ލަދުވެތިކަމެއް ނެތްނަމަ، ހިތުހުރި ކަމެއް ކުރާށެވެ!" މި ބަސްފުޅުގެ މުރާދަކީ އިންސާނާގެ ކިބައިގައި ލަދުވެތިކަމެއް މުރޫވަތްތެރިކަމެއް ނެތްނަމަ، އޭނާ އަރައިނުގަންނާނެ ފާފައެއް ނޯންނާނެ،" ރުޤްޔާގެ ނަމުގައި މަކަރާއި ހީލަތުން ޖިންސީ ގޯނާކުރުމުގެ ނުބައިކަމަށް އަލިއަޅުއްވާލައްވާފައިވާ އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ، މީސްތަކުންގެ ކިބައިގައި ލަދުވެތިކަމެއް ނެތްނަމަ އެ މުޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ ކަމަށާއި، ފަސާދަ ޢާއްމުވެ، މުޖުތަމަޢު މިހާރު އޮތް ޙާލަތަށްވުރެ ނުބައި ޙާލަތަކަށް ވެއްޓުމުގެ ކުރިން ޒިންމާދާރު ވެރިންނާއި، ޢިލްމުވެރިން އަދި މުރައްބީންގެ އިތުރުން މައިންބަފައިން މިކަމާމެދު ވިސްނައި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

"މާތްވެގެންވާ އިސްލާމްދީނުގެ ނަން ކިލަނބުވާގޮތަށް، ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް ޒިންމާދާރު ވެރިންނަށް އިލްތިމާސްކުރަން. އަދި މިފަދަ ނުބައި ޢަމަލުތަކަށް އަރައިގަންނަ މީހުން ﷲގެ މަގަށް ރުޖޫޢަވެ ތައުބާވުމަށް ނަޞޭޙަތްތެރިވަން." ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ