މި ސަރުކާރުން ގެންދަނީ ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރާއި ފަސް މަހަށް ޖަލަށްލިތާ އަހަރު ދުވަސް ވެފައިވަނިކޮށް ދައުލަތުގެ ފަރާތުން ރައީސް ޔާމީން އާއި ދެކޮޅަށް އަލަށް ކުރާ ދެ ދައުވާއާގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޔާމީން އަށް ތާއީދުކުރައްވާ ބޭފުޅުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން އަންނަނީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ޑީލް ހަދައިގެން ރައީސް ޔާމިންއަށް ގެއްލުންދޭން މަސައްކަތް ކުރަމުންނެވެ.
މި ސަރުކާރުން ގެންދަނީ ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުން. MMPRC ގެ ޚިޔާނާތުގެ ޙަގީގީ ބައިވެރިން ކަމުގައިވާ އަދީބާ ޒިޔަތާއެކު ޑީލް ހަދައިގެން އިތުރު މަސްއަލަތައް އުފަން ކުރުވާ ގަސްދުގައި ރައީސް ޔާމީނަށް އަނިޔާކުރަމުން pic.twitter.com/a0yaQBWpog
— Abdul Raheem Abdulla (@Banafsaa) December 9, 2020
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އަލަށް ކުރަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެކެވެ. އެ މައްސަލައާ ގުޅިގެން ޖަލުގައި ވަކީލުންނާ ބައްދަލު ކުރައްވަން ފުރުސަތު ލިބިވަޑައިނުގަންނަވާތީ އާއި ލިޔުންތައް ފުރިހަމައަށް ލިބިވަޑައިގެންފައި ނުވާކަމުގެ ޝަކުވާ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އަންނަނީ ކުރަމުންނެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އޮންލައިން ނޫސް މިހާރަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވެފައިވަނީ، ރައީސް ޔާމީނާ ބައްދަލުކުރަން މާފުއްޓަށް މިއަދު ދިއުމުން އަނެއްކާވެސް ރަށަށް ނާރުވާ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.