ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގައި ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރު ކޮށްފައިވާ 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި އެ ކަންތައްތަކާ ގުޅިގެން ފުލުހުންގެ ހައްޔަރަށް ދެ މީހަކު ގެންދެވުނެވެ. އެއީ 24 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ. 39 އަހަރުގެ މީހާ ހައްޔަރުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑެވެ. 24 އަހަރުގެ މީހާ ހައްޔަރު ކުރެވުނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކަނޑައެޅިއެވެ. 24 އަހަރުގެ މީހާއަށް ކޯޓުން ދިނީ 15 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން އޭނާގެ ބަންދުގެ މުއްދަތު މުރާޖައާ ކުރަން އަނެއްކާ ވެސް ކޯޓަށް ހުށަހެޅުނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި 24 އަހަރުގެ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
"މިހާރު" ނޫހުގައި މި ހާދިސާއާއި ގުޅޭގޮތުން ގެނެސްދީފައިވާ އާޓިކަލްގައި ބުނެފައިވަނީ، ރުޤްޔާ ކުރުމުގެ ނަމުގައި ފިރިމީހާގެ ގޭގައި އަންހެންމީހާ އާއި ތިން ދަރިން ބަންދުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައިކަމަށެވެ. އަދިއާއްމުކޮށް އޭނާ އަށް ކުރިމަތިވާ މައިގްރެއިން ވޭނަކީ ފިރިމީހާ ގަބޫލުކުރި ގޮތުގައި، ޖިންނީގެ އުނދަގުލާ ހެދި ވާ ކަމެއްކަމަށް ބުނެ، ފިރިމީހާ ރަށުގައި އުޅޭ ރުޤްޔާ ކުރާމީހެއްކަމަށް ބުނެ ގެނެސް ތިން މައިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާދީފައިވާކަމަށް އަންހެން މީހާއާއި އާއިލާއިން މިހާރު ނޫހަށް ކިޔައިދީފައިވެއެވެ.
ތިންމައިންނަށް އަނިޔާކުރި ކަމަށް ބުނާ ނިޝާންތައް ހުރިއިރު، އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ޑޮކްޓަރުގެ ރިޕޯޓްތަކުންވެސް ހާމަވާކަމަށް މިހާރު ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.



