މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ ކުރިއަށް ގެންގޮސްފައިވަނީ މި ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ލ. އަތޮޅު ފުލުހުންނާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑާއި، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ގުޅިގެންނެވެ.
ފުލުހުން ވިދާޅުވީ އެ ޕްރޮގްރާމުގައި، ޑައިވިންގ ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާ އަދި ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ދީފައިވާކަމަށާއި އަދި މަސްވެރިކަން ކުރާއިރު ވައިފުޅި އަޅައިގެން ޑައިވިންގ ކުރުމުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.
އޭގެ އިތުރުން، ކަނޑު އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އުޅަނދުގައި ފުރިހަމަކޮށްފައި ހުންނަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށާއި އަދި އުޅަނދުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަމުގެ މައުލޫމަތު ހިއްސާކުރުމުގެ އިތުރުން ކަނޑުމަތީގައި އުޅޭއިރު އެއްވެސް ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތާއި ލަސްނުކޮށް އެކަމެއް ރިޕޯޓުކުރުމަށް އިރުޝާދުދީފަވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



