ނައިޖީރިއާގެ ހުޅަނގު އުތުރުގައި ސާނަވީ އަށް ކިޔަވައިދޭ ސަރުކާރު ސްކޫލަކަށް ހަނގުރާމަވެރިން ހަމަލާދީ ބަޔެއް ދަރިވަރުން ރަހީނުކޮށްފިއެވެ.
މަންޒަރުދުއް ފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަތިޔާރާއެކު ހަނގުރާމަވެރިން ސްކޫލަށް ހަމަލާދިނުމަށް އައިސްފައިވަނީ ސައިކަލުތަކެއްގައެވެ.
ހަނގުރާމަވެރިން ސްކޫލް ހިމެނޭ ސަރަހައްދަށް އައިސް އެންމެ ފުރަތަމަ ބަޑިޖަހަން ފަށައިފައިވަނީ ވައިގެ ތެރެއަށެވެ. ނަމަވެސް ފަހުން ސްކޫލަށް އަމާޒުކޮށް ހަމަލާދީ ބަޔެއް ދަރިވަރުންވަނީ ރަހީނުކޮށްގެން ގެންގޮސްފައެވެ. ރަހީނުކުރި ދަރިވަރުންގެ އަދަދު އަދި ސާފުވެފައެއް ނުވެއެވެ.
މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީވަނީ ގެއްލުނު ކުދިންގެ އަދަދު ހޯދުމަށް ސްކޫލަަށް އަންގައިފައެވެ. އަދި ސްކޫލުން ދަރިވަރުން ގެއަށް ގެންދިޔަ ބެލެނިވެރިންވެސް އެކަން ސްކޫލަށް އެންގުމަށް ރައީސް މުހައްމަދު ބުހާރީވަނީ ގޮވާލައިފައެވެ.
ނައިޖީރިއާގެ ސިފައިން ބުނީ، ހަނގުރާމަވެރިން ފިލާ ތިބިތަން ހޯދިފައިވާ ކަމަށާއި އަދި އެމީހުންނާއި ދެކޮޅަށް ހަމަލާދެމުންދާ ކަމަށެވެ. މި ހަމަލާތަކުގައި އެއްވެސް ދަރިވަރަކު އަދި ސަލާމަތް ކުރެވިފައިވާކަން ނައިޖީރިއާ ސިފައިން ހާމަކޮށްފައެއް ނުވެއެވެ.