ލޮނުފެނުން މަސްފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު) ސިސްޓަމުން ޑިއުޓީ މަޢާފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނިންމައިފިއެވެ.
އެމިނިސްޓްރީން ވިދާޅުވީ މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ލޮނު ފެނުގައި މަސްފިނިކުރާ ނިޒާމު (ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމް / އާރު.އެސް.ޑަބްލިޔު ސިސްޓަމް) ޤާއިމްކުރުމަށް ރާއްޖެ ގެންނަ އާރު.އެސް.ޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މާފު ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފައިވާކަމަށެވެ.
އެގޮތުން މި ސިސްޓަމުން ޑިއުޓީ މަޢާފް ކުރުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓަށް "ޑިއުޓީ މަޢާފު ކުރުމަށް އެދޭ ފޯމް" ފުރިހަމަ ކުރައްވާ އިންވޮއިސްގެ ކޮޕީއަކާއެކު ހުށަހެޅުއްވުމުން އާރު.އެސް.ޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މަޢާފް ކުރެވޭނޭކަމުގައި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އާރު.އެސް.ޑަބްލިޔު ސިސްޓަމަކީ މިފަހަކަށް އައިސް ރާއްޖޭގެ މަސްވެރިން މަހަށް ނިކުންނަ ދަތުރުތަކުގައި، އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ޤާޢިމް ކުރަމުން އަންނަ ސިސްޓަމެކެވެ.
އާރު،އެސް،ޑަބްލިޔު ސިސްޓަމް، މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ޤާޢިމްކޮށް މަސްވެރިކަމުގެ ދަތުރެއްގައި މަސްކިރެންދެން މަސް ތާޒާކަންމަތީ ދޯނިފަހަރުގައި ބެހެއްޓޭނެ ނިޒާމަކަށްވާތީ، އާރު.އެސް ޑަބްލިޔު ސިސްޓަމުން ޑިއުޓީ ކަނޑާލުމުން މިޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މިޞިނާޢަތު ތަރައްޤީ ކުރުމަށް ލިބިގެންދާނެ ލުޔަކަށްވާނެ ކަމުގައި ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.



