ނައިޖީރިއާގެ ހުޅަނގު އުތުރުގެ ސްޓޭޓެއް ކަމަށްވާ ކެޓްސީނާގެ ސްކޫލަކަށް ހަމަލާދީ އެތައްސަތޭކަ ކުދިންނެއް ރަހީނުކުރިކަމުގެ ޒިންމާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯހަރަމް އިން ނަގައިފިއެވެ.
ބޯކޯހަރަމްއިން އާންމުކުރި އޯޑިއޯ މެސެޖެއްގައި އެ ގުރޫޕުގެ އެންމެ އިސްވެރިޔާކަމަށްބުނާ މީހަކުވަނީ ސްކޫލަށް ހަމަލާދީ އެތައްސަތޭކަ ކިޔަވާކުދިން ރަހީނުކޮށްފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް ބުނެފައެވެ.
ކިޔަވާކުދިން ރަހީނުކުރި ކަމަށް ބޯކޯހަރަމްއިން ބުނިނަމަވެސް މިކަމަށް ބާރުލިބޭ އެެއްވެސް ހެއްކެއް ބޯކޯހަރަމްއިން ދައްކާފައެއް ނުވެއެވެ. ބޯކޯހަރަމްގެ މެސެޖާއި ގުޅިގެން ނައިޖީރިއާގެ ސަރުކާރުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ބޯކޯހަރަމް ޖަމާއަތަކީ ހުޅަނގުގެ ތައުލީމާއި ދެކޮޅު ގުރޫޕެކެވެ.
ހަތިޔާރުއެޅި ބަޔަކު ކެޓްސީނާގެ ސްކޫލަށް ހަމަލާދިނުމުން ގެއްލިފައިވަނީ ކިހާ އަދަދެއްގެ ކުދިންނެއްކަން އަދި ސާފެއް ނުވެއެވެ. މީޑިއާއަށް މައުލޫމާތު ދެމުން ސިފައިންގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ، 333 ކުއްޖަކު ވީނުވީތަނެއް އަދި އިނގިފައި ނުވާކަމަށާއި މި ހުރިހާ ކުދިންނަކީވެސް ފިރެހެން ކުދިން ކަމަށެވެ.
ކެޓްސީނާ ސްޓޭޓުގެ ގަވަރނަރ ވިދާޅުވީ ކުދިން ވަގަށްނެގި ފަރާތްތަކުން ސަރުކާރާއި މިހާރު ވާހަކަދައްކަމުން އަންނަ ކަމަށެވެ. އަދި ކުދިން ސަލާމަތުން އެކުދިންގެ އާއިލާތަކަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކުދިން ވަގަށް ނެގުމުގެ ފަހަތުގައިވަނީ ކޮންބަޔެއްކަން ހާމަކޮށްފައެއް ނުވެއެވެ.




