މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް ކަސްޓަމަރުންގެ އަތުން ލިބެންޖެހޭ ފައިސާގެ ތެރެއިން 250 މިލިއަނެއްހާ ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ އެ ކުންފުންޏަށް 250 މިލިއަނެއްހާ ރުފިޔާ ނުލިބި ވާއިރު، ފައިސާ ނުދައްކާ ހުރީ ހަމައެކަނި އަމިއްލަ ފަރާތްތަކުން ނޫންކަމަށާއި، އޭގެ ތެރޭގައި އަދި ސަރުކާރުގެ ބައެއް އިދާރާތަކާއި އަމިއްލަ ކުންފުނިތައްވެސް ހިމެނޭ ކަމަށެވެ.
މިގޮތުން، ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލްއާ ގުޅުމެއް ނެތުމުގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ވަރަށް ބައިވަރު މީޓަރުތައް އެއްވެސް ބަޔަކު ހަވާލުނުވެ އެބަހުރި ކަމަށާއި، އެކަމުގެ ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.
ޝާހު އިތުރަށް ވިދާޅުވީ، ބިލުތައް ނުދައްކައިގެން، ހިދުމަތް ކަނޑާލުމުގައި ގިނަ ކަންކަމަކަށް ބަލާއިރު، އެފަދަ ފަރާތްތަކަށް ބިލުތަކަށް ފައިސާ ދައްކަން ގިނަ ފުރުސަތުތަކެއްދެވޭ ކަމަށެވެ.
"އެމްޑަބްލިއުއެސްސީ އިން މީޓަރުތައް ކަނޑާލަނީ ކޮންމެހެން ހިދުމަތްތައް މެދު ކަނޑާލާކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އިންތިޒާމެއް ހަމަޖެހިގެން ބިލްތައް ދައްކާނެ ގޮތަކަށް ދެފަރާތް އެއްބަސްވެފައި އޮތުން. އެގޮތައް މިހާރު އެމްޑަބްލިއުއެސްސީ އަށް އެންމެ ގިނައިން ލިބެނީ ބައިބަޔަށް ބަހާލައިގެން ބިލް ދެއްކުމަށް އެދި ފޮނުވާ ސިޓީ. ދެން އަޅުގަނޑުމެން ހިދުމަތް ކަނޑާލަނީ ވަރަށް ބައިވަރު ކަންތައްތަކެއް ކޮށްފައި. އެއީ އެންމެ ފަހުގެ މަރުހަލާ" ޝާހު ވިދާޅުވި އެެވެ.



