ކޮވިޑް-19ގެ ވައިރަސް އުފެދެން މެދުވެރިވި ސަބަބު ދެނެގަތުމަށް ސައިންޓިސްޓުންގެ ޓީމެއް ޗައިނާއަށް ފޮނުވުމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބުލިޔުއެޗްއޯ) އިން ނިންމައިފިއެވެ.
ޑަބުލިޔުއެޗްއޯ އިން ޗައިނާއަށް ފޮނުވާ ޓީމުގައި ބައިނަލްއަގްވާމީ 10 ސައިންޓިސްޓުން ހިމެނޭއިރު މި ޓީމު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރުނުކަމަށް ބެލެވޭ ވޫހާން ސިޓީއަށެވެ.
ޗައިނާގެ ސަރުކާރުން މިކަމަށް އެންމެ ފުރަތަމަ އެންމެ އެދެވޭ ޖަވާބެއް ދީފައި ނުވާއިރު ޑަބުލިޔުއެޗްއޯއިން އެކުލަވާލައިފައިވާ ސައިންޓިސްޓުންގެ ޓީމަށް ވޫހާން ސިޓީއަށް ދިއުމުގެ ހުއްދަ ޗައިނާ ސަރުކާރުން ދީފައިވަނީ ގިނަ މަސްތަކެއްގެ މަޝްވަރާތަކަށް ފަހުއެވެ.
ބެލެވޭ ގޮތުގައި ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފަށައިފައިވަނީ ޗައިނާގެ ވޫހާން ސިޓީގައި ޖަނަވާރު ވިއްކުމަށް ހާއްސަކޮށްފައިވާ މާކެޓެއްގެ ތެރެއިންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19ގެ ބަލިމަޑުކަން މިހާރުވަނީ މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައެވެ. މިހާތަނަށް މިބައްޔަށް މުޅި ޖުމްލަ 74,901,173 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބައްޔަށް މުޅި ދުނިޔެއިންވަނީ 1,662,023 މީހުންވަނީ މަރުވެފައެވެ.




