އެމްޑީޕީ މެމްބަރުން އެދެފިނަމަ، ޕާޓީއާއި ގުޅެން މިހުރީ ތައްޔާރަށް: ރީކޯ މޫސަ

ރާއްޖޭގައި ވެރިކަން ކުރާ ޕާޓީ ކަމަށްވާ މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އާއި ގުޅެން ހުރީ ތައްޔާރަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރީކޯ މޫސަ ވިދާޅުވީ، އެމްޑީޕީ މެމްބަރުން އެބޭފުޅާ އެ ޕާޓީއާއި ގުޅިލައްވަން ބޭނުންފުޅު ވާނަމަ ރީކޯ ހުރީ ދާން ތައްޔާރަށް ކަމަށެވެ. ރީކޯ އަކީ އަބަދުވެސް އެމްޑީޕީގެ މެމްބަރެއްކަން ފާހަގަކުރައްވަމުން އެބޭފުޅާ ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން އަބަދުވެސް ބޭނުންފުޅުވާ ކަމަށެވެ.

އެމްޑީޕީ އިން ރީކޯ ބޭރުކޮށްލީކަން ފާހަގަކުރައްވަމުން އެބޭފުޅާ ވިދާޅުވީ، އެމްޑީޕީ މެމްބަރުން އެ ޕާޓީއާއި ގުޅިލައްވަން އެދެފިނަމަ މިރޭވެސް އެޕާޓީއާއި ގުޅެން ހުރީ ތައްޔާރަށް ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާ އިތުރަށް ވިދާޅުވީ، އެމްޑީޕީ އަކީ ރާއްޖޭގައި އުފެދުނު ޕާޓީތަކުގެ ތެރެއިން މިވަގުތު ބައިބައިވެގެން ނުގޮސް އޮތް ހަމައެކަނި ޕާޓީ ކަމަށާއި، އެމްޑީޕީ އެތެރޭގައި ޖެހިފައިވާ މައްސަލަތަކަކީ ހައްލުނުވާނެ މައްސަލަތަކެއް ނޫން ކަމަށާއި އެކަންކަން ހައްލުކުރެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ