މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގދ.ފިޔޯރީއާއި ކ.ހިންމަފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ފިޔޯރީގައި ހިންގި އޮޕަރޭޝަނަކީ ފިޔޯރީން އެ އަތޮޅު ރަތަފަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފިޔޯރީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ފިޔޯރީ ބަނދަރުމަތިން އޭނާ ހުއްޓުވާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެންނެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފިޔޯރީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ ހިންމަފުށީ ފެކްޓްރީއެއްގައި ބަނގުރާ ގެންގުޅެ، އެތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންމަފުށީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ޑިސެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެފެކްޓްރީ ބަލައިފާސްކުރިއިރު އެތަނުން 49 ދަޅު ބިޔަރު ފެނިފައިވެއެވެ. މިމައްސަލައާ ގުޅިގެން 56 އަހަރުގެ ލަންކާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބާންދާމެދު ގޮތެއް ނިންމުމަށް ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



