ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހަކަށް ދައުވާކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި އެ ކަންތައްތަކާ ގުޅިގެން ތުހުމަތު ކުރެވެނީ އެ އަންހެން މީހާގެ ފިރިމީހާއަށާއި، ރުގްޔާ ކުރަން އޭނާ ގެނައި މީހަކަށެވެ. ފުލުހުންގެ ހައްޔަރަށް މިހާރު އެ ދެ މީހުން ގެންދެވިފައިވާއިރު އެއީ 24 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ.
39 އަހަރުގެ މީހާ ހައްޔަރުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑެވެ. 24 އަހަރުގެ މީހާ ހައްޔަރު ކުރެވުނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހެނދުނެވެ.
އެ މައްސަލަ ފުލުހުންނާއި ޖެންޑާ ގުޅިގެން ތަހުގީގުކޮށް ނިންމައި، އިއްޔެ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، އަންހެންމީހާއަށް ކުރިމަތިވާ މައިގްރެއިން ވޭނަކީ ޖިންނީގެ އުނދަގުލާ ހެދިވާ ކަމެއްކަމަށް ގަބޫލުކޮށް އޭނާގެ ފިރިމީހާވަނީ ރުގުޔާ ކުރާ މީހެއްކަމަށްބުނެ މީހަކުގެނެސް ތިން މައިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާދީފައެވެ.
ތިންމައިންނަށް އަނިޔާކުރި ކަމަށް ބުނާ ނިޝާންތައް ހުރިއިރު، އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ޑޮކްޓަރުގެ ރިޕޯޓްތަކުންވެސް ހާމަވާކަމަށް މިހާރު ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.



