ގައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭ ގޮތަކަށް ނޫންކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން މިހެން ވިދާޅުވީ އިދިކޮޅު ދެ ޕާޓީ ގުޅިގެން "ވިސްނާ" ނަމުގައި ބޭއްވުމަށް ނިންމާފައިވާ ޖަލްސާއަށް ދައުވަތު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. ޣައްސާންގެ ޓުވީޓެއްގައި ވިދާޅުވީ މިއަދު ޤައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމަށާއި، މުސްތަޤުބަލު އުޖާލާކުރެވޭނީ މާތް ﷲގެ ވާގިފުޅަށް އެދިތިބެ ޤައުމަށް ވަފާތެރިވެގެން ކަމަށެވެ.
މާދަމާ ރޭ އޮންނަ ޖަލްސާއަށް ހުރިހާ ޕާޓީއެއްގެ، ހުރިހާ ފިކުރެއްގެ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަދަބުވެރިކަމާއެކު ދައުވަތު އަރުވާކަމަށް ޣައްސާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
"ވިސްނާ" ނަމުގައި މާދަމާ ބޭއްވުމަށް ނިންމާފައިވާ މި ޖަލްސާއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސިޓީ ކައުންސިލުން ވަނީ ހުއްދަދެއްވާފައެވެ.
ޖަލްސާގެ ކެންޕެއިން ޕޯސްޓަރުތަކަކާއެކު ޣައްސާން ކުރެއްވި ޓްވީޓްގައި "ވިސްނާ" ނަމުގައި ބާއްވާ ޖަލްސާއަށް މަސްވެރިންނާއި، ޓެކްސީ ޑްރައިވަރުންނާއި، ރިސޯޓް މުވައްޒަފުންނާއި، މަސައްކަތްތެރިންނަށް ދައުވަތު ދީފައިވެއެވެ.



