ދަރަނިތައް އަދާކުރުމުގައި ޗައިނާއިން ލުއިގޮތެއް ހޯދައިދިމަކީ މިފެށޭ އާހަރުގެ އުންމީދެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
2021 ވަނަ މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހައި ރައްޔިތުންނަށް އަރިސްކުރަމުން ރައީސް ނަޝީދު ދެއްވާފައިވާ މެސެޖްގައި ވިދާޅުވީ، 2020 ވަނަ އަހަރު ވެގެން މިދިޔައީ އެހެން އަހަރުތަކާ ވަރަށް ތަފާތު އަހަރަކަށްކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށްދިޔަކަމަށެވެ.
އަދި ފަތުރުވެރިކަން އިންތިހާއަށް ދަށަށްގޮސް، ގިނަ ބައެއްގެ ވަޒީފާއާއި އާމްދަނީ ގެއްލި، ސްކޫލްތައް ބަންދުކޮށް، އަދި ގާތްތިމާގެ މީހުން މިދުނިޔެދޫކޮށްދިޔަ އަހަރެއްކަމަށެވެ.
"2020 ވަނަ އަހަރަކީ ގިނަ މީހުން ހަނދާންކުރަން ބޭނުންވާނެ އަހަރެއް ނޫނެވެ." ރައީސް ނަޝީދުގެ މެސެޖުގައި ވެއެވެ.
ނަމަވެސް، އައު އަހަރު ބައްދަލު މިކުރަނީ އުންމީދުތަކަކާއެކުގައިކަމަށާއި، ކޮވިޑް-19 ގެ ވެކްސިން ހަލުވިކަމާއެކު ލިބި، މި ނުރައްކާތެރި ވައިރަހުން އެއްކޮށް ސަލާމަތްވާނެކަމުގެ އުންމީދުތައް އާވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވެކްސިން ލިބުނުހާ އެންމެ އަވަހަކަށް ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަށްވެސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
މީގެއިތުރުން 2021 ވަނަ އަހަރަކީ، ފާއިތުވި ބައެއް ދުވަސްތަކުގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފެނިގެންދިޔަފަދަ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމުގެ ޚިޔާލުތަކަށް ޖާގަނުދީ، އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އަމާން، ހުރިހާ އެންމެންނަށް އިޙްތިރާމްކުރާ ސުލްހަވެރި މާދަމާއަކަށް ދަތުރުކުރާނެ އަހަރަކަށްވުމަށް އުންމީދުކުރާކަމަށާއި، އަދި، ކުރިއަށްއޮތް އަހަރަކީ، ބައިބައިވުމަށް ޖާގަނުދީ، ޚިޔާލު ފާޅުކުރުމާއި، ތަފާތު ޚިޔާލުތަކުގެ ފަރާތްތަކާއެކުވެސް މަޝްވަރާކޮށް ކަންކަން ނިންމުމުގެ ވިސްނުން އިސްކުރާނެ އަހަރަކަށްވުމަށްވެސް އުންމީދު ކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި 2021 ވަނަ އަހަރުގައި އުންމީދީ ކިތަންމެ ކަމެއް ކުރުމަށް ރާވައި އަންދާޒާކުރެވުނު ނަމަވެސް، މި ކަންތައްތަކަކީ އެންމެ ފަސޭހަ ދުވެލީގައި ދާނެ ކަންތައްތަކެއް ނޫންކަން ޤަބޫލުކުރާކަމަށާއި، ރިޒޯޓުތަކުގެ އޮކިއުޕެންސީ 80 އިންސައްތައަށް ދިޔަކަމުގައިވީނަމަވެސް، އަދި 150 ހާސް ޓަނުގެ މަސް ވިއްކުނުކަމުގައި ވީނަމަވެސް، ދައުލަތުގެ މާލީ ޙާލަތު ރަނގަޅެއްނޫންކަމަށްވެސް ރައީސް ނަޝީދުގެ މިމެސެޖުގައި ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ގިނަ ޢަދަދަކަށް ލޯނު ނަގާފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެންމެ ހެޔޮ، ރަނގަޅަށް ނަފާވާ ހާލަތުގައި ދަރަނި އަދާނުކުރެވޭއިރު، އަދި މި ހާލަތުގައި ދަރަނި އަދާނުކުރެވޭނެކަމަށެވެ. އަދި އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާކުރުމުގައި ލުއިގޮތެއް ހޯދައިދިނުންކަމަށްވެސް ރައީސް ނަޝީދުގެ މިމެސެޖުގައިވެއެވެ.



