ޓެރަރިޒަމްގެ މައްސަލައެއްގައި ރާއްޖެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ،2020 ޑިސެމްބަރު 29 ވަނަ ދުވަހުގެ 1330 ހާއިރު މާލެއިން ފުރަންގޮސް އެއާޕޯޓްގައި ހުރި އިންޑިއާގެ 28 އަހަރުގެ ފިރިހެނަކު "ބޮމެކޭ" ބުނެ ވާހަކަދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"މި މައްސަލައިގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤީ ކުރިއަށް ގެންދިއުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ޓެރަރިޒަމްގެ މި މައްސަލައިގައި މަޢުލޫމާތު ފުލުހުން ހާމަކުރައްވާފައި މިވަނީ މި މައްސަލަ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށް އެކަމާއި ގުޅޭގޮތުން ފުލުހުންނާ ސުވާލުކުރުމުންނެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަހްޤީޤު ކުރަމުންނެވެ.



