އިންތިޚާބު ފަސްކުރުމަކީ އެމްޑީޕީން ރައްޔިތުންނާ ދެކޮޅަށް ކުރާ ބަޣާވާތެއް: ޖަމީލް

އިންތިޚާބު ލަސްކުރުމަކީ އެމްޑީޕީން ރައްޔިތުންނާ ދެކޮޅަށް ކުރާ ބަޣާވާތެއްކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ވިދާޅުވީ، މާ ވޯޓަށް ކަމޭހިތާކަމަށް ދަޢުވާކުރި އެމްޑީޕީން މިއަދު އެކަމަށް އިންކާރުކުރާކަމަށާއި، ކައުންސިލް އިންތިޚާބު ނުބާއްވަން އުޅެނީ ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަންކުރަންވެގެންކަމަށެވެ.

"ހުރިހާ ޑިމޮކްރެސީތަކުގައިވެސް އިންތިޚާބު ދަނީ ބާއްވަމުން. މިއީ އެމްޑީޕީން ރައްޔިތުންނާ ދެކޮޅަށް ކުރާ ބަޣާވާތެއް." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ގާނޫނަށް ބަދަލު ގެނެސްގެންވެސް ލޯކަލް ކައުންސިލްގެ އިންތިހާބު އަވަސް ކުރަންޖެހޭކަމަށް  މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިއްޔެވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް މާރޗްމަހު ބޭއްވުމަށް ނިންމި ލޯކަލް ކައުންސިލް އިންތިޚާބު ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމާއެކު އިދިކޮޅުގެ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުވިދާޅުވެ، އަޑުއުފުލަމުންނެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އިއްޔެ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަނީ ޤަސްތުގައި ރާވައިގެންކަމަށާއި، ސަބަބަކީ އިންތިޚާބު ބާއްވައިފިނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާނެތީކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ފެބްރުއަރީ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާރޗްމަހުގެ ހައެއްގައި ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، 30 ދުވަސް ތެރޭގައި އިންތިހާބަށް ތައްްޔާރުވެެގެން، އިންތިހާބުގައި ކުރަން ޖެހޭ، އަދި އޮންނަ ތަރީހަށް ބަލާފައި، ރީރަޖިސްޓްރޭޝަންއާއި ކަންކަން ބެލުމަށްފަހުގައި އެއްމަސް ތެރޭގައި އިންތިޚާބު ނުބޭއްވޭނެތީއެވެ.

އަދި އިންތިޚާބު ފަސްކުރިކަން އީސީން މިއަދު ހާމަކޮށްފައިވާއިރު، ދެން ބުދަ ދުވަހު އޮންނަ [އީސީގެ] ބައްދަލުވުމުގައި މިކަމާއި ގުޅިގެން ދެން ކުރިއަށްދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށްވެސް އެކޮމިޝަންގެ ރައީސްވަނީ ވިދާޅުވެފައެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ