"އެހޭ ހޮށް: މިވަރުން ފުދިއްޖެ" ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ހާއްސަ ޖަލްސާއެއް ހދ. ކުޅުދުއްފުށީގައި ބާއްވަން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އެ ކޯލިޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހާއްސަ ޖަލްސާއެއް މިރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެ ކަމަށެވެ. އެޖަލްސާ އޮންނާނީ މިރޭ 20:45 ގައެވެ.
އިދިކޮޅު ކޯލިޝަނުގެ " އެހޭ ހޮށް: މިވަރުން ފުދިއްޖެ" ޖަލްސާ ލައިވްކޮށް ޗެނަލް 13 އިން ގެެނެސްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ރަސްމިއްޔާތުތަކާއި ޖަލްސާތައް ބާއްވަން ހުއްދަ ދިނުމުން މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ ވެސް އިދިކޮޅު ވަނީ ކާނިވަލުގައި ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ވަނީ އިދިކޮޅު ކޯލިޝަނަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައެވެ.




