ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓޯކިޔޯ 2020: އޮލިމްޕިކްސް ގޭމްސްއާއި ބޭއްވުމާ އެޤައުމުގެ ގިނަ ރައްޔިތުން ދެކޮޅުކަން ހާމަވެއްޖެއެވެ.
ރިޕޯރޓްތައް ބުނާ ގޮތުން މިއަހަރު އޮލިމްޕިކްސް ގޭމްސް ބޭއްވުމާމެދު ޓޯކިޔޯގައި ކުރި ސާވޭގެ ގިނަ ބައިވެރިންވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އެގޮތުން މިސާވޭގެ ބައިވެރިންގެ ތެރެއިން 80 ޕަސެންޓް އޮލިމްޕިކްސް ގޭމްސް ބާއްވަން ދެކޮޅުކަމަށް ރިޕޯރޓްތައް ބުނެއެވެ. އޭގެތެރެއިން 35 ޕަސެންޓަށްވުރެ ގިނަ މީހުން މިގޭމްސް ކެންސަލްކުރުމަށް ތާޢީދުކޮށްފައިވާއިރު، 44 ޕަސެންޓަށްވުރެ ގިނަ މީހުން ތާޢީދުކޮށްފައިވަނީ މިގޭމްސް ފަހުގެ ތާރީޚަކަށް ލަސްކުރުމަށެވެ.
2020 ވަނަ އަހަރު ބޭއްވުމަށް ރޭވި ޓޯކިޔޯ 2020: އޮލިމްޕިކް ގޭމްސް 2021 އަށް ލަސްކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ. އެގޮތުން މިގޭމްސް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 23 ގައެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ އޮލިމްޕިކްސް އަކީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތެވެ. ޓޯކިޔޯ އޮލިމްޕިކް ގޭމްސްގައި 33 ކުޅިވަރަކުން 11 ހާހަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާނެ ކަމަށް އައިއޯސީވަނީ މަޢުލޫމާތު ދީފައެވެ. އަދި މިއީ ޓޯކިޔޯގައި އޮލިމްޕިކްސް ގޭމްސް ބާއްވާ ދެ ވަނަ ފަހަރުކަންވެސް ފާޙަގަކޮށްލެވެއެވެ.
ނަމަވެސް ޖަޕާންގައި ކޮވިޑް-19 ފެތުރުން މިފަހަކަށް އައިސް އިތުރުވެފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ. ޖަޕާނުން ކޮވިޑް-19 އަށް މިހާތަނަށް 280،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މިބަލީގައި އެޤައުމުން 4000 އެއްހާ މީހުންވަނީ މަރުވެފައެވެ.




