ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 90 މިލިއަނުން މައްޗަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 90,731,433 އެވެ. އަދި މިބަލީގައި 1,943,980 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 64,874,124 މީހުންނެވެ.
މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 22,917,334 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 383,275 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ އަވައްޓެރި އިންޑިޔާ އިންނެވެ. އެޤައުމުން މިހާތަނަށް 10,467,431 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 151,198 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ތިންވަނައަށް އެންމެ ގިނަ ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބްރެޒިލްއިންނެވެ. އެޤައުމުން މިހާތަނަށް 8,105,790 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 203,140 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މީގެ އިތުރުންވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިލިއަނަކުން މައްޗަށް އުޅޭ ގައުމުގެ ތެރޭގައި، ރަޝިއާ، ފްރާންސް، ސްޕެއިން، ޔޫކޭ، އިޓަލީ އާޖެންޓީނާ، ކޮލޮމްބިއާ، މެކްސިކޯ، ޖާރމަނީ، ޕޮލެންޑް އަދި އިރާން ހިމެނެއެވެ.
އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައިވާ އެމެރިކާއިން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކާއި ގުޅިގެން މިދިޔަ އަހަރުވަނީ 20 މިލިއަނަށްވުރެ ގިނަ ވަޒީފާ ގެއްލިފައެވެ. މީގެތެރެއިން 11 މިލިއަނެއްހާ މީހުން އަދިވެސް ތިބީ އަދާކުރާނެ ވަޒީފާއެއް ނެތިއެވެ.




