ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގައި ދުނިޔެއިން ޖުމްލަ 2 މިލިއަނަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިބަލީގައި 2.1 މިލިއަން މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
ވޭތުވެދިޔަ ހަފްތާއަށް ބަލާލާއިރު ކޮވިޑް-19 ގައި ދުވާލެއްގެ މައްޗަށް 12,000 އާއި 13,000 އާއި ދެމެދުގެ އަދަދަކަށް މީހުންވަނީ މަރުވެފައެވެ. އަދި ނިމިދިޔަ އޮކްޓޮބަރު މަހުން ފެށިގެން މި ވައިރަހުގައި ދުނިޔެއިން މަރުވާ މީހުންގެ އަދަދުވަނީ އިތުރުވަމުން ގޮސްފައެވެ.
މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 93.8 މިލިއަނަށް އަރާއިރު، މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 51.7 މިލިއަން މީހުންނެވެ.
މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 401,856 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައިވާ އެމެރިކާއިން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކާއި ގުޅިގެން މިދިޔަ އަހަރުވަނީ 20 މިލިއަނަށްވުރެ ގިނަ ވަޒީފާ ގެއްލިފައެވެ. މީގެތެރެއިން 11 މިލިއަނެއްހާ މީހުން އަދިވެސް ތިބީ އަދާކުރާނެ ވަޒީފާއެއް ނެތިއެވެ.



