ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލު އާންމުކޮށް އެއަށް ޢަމަލު ކުރަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ސިޔާސީ ޕާޓީގެ ގަވާއިދުއަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި ވަނީ އެ ޤަވާއިދުގެ ޖަދުވަލު 7 ގެ ފަހަތަށް ޖަދުވަލެއް އިތުރުކޮށްފައެވެ.
އެގޮތުން ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ޚިލާފަށް ސިޔާސީ ޕާޓީއަކުން ނުވަތަ އެނޫންވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ބަޔާންކުރާ އުޞޫލު ވަނީ ބުނެދީފައެވެ.
މި އުޞޫލަށް ކިޔަނީ ސިޔާސީ ޕާޓީ ޤާނޫނާއި ގަވާއިދާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުއެވެ.
މި އުޞޫލުގެ ދަށުން ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވާފަރާތްތަކާމެދު އެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިންސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭނެ ކަމުގައި ވަނީ ބުނެފައެވެ. އަދި އެޤާނޫނުގެ44 ވަނަ މާއްސާގެ (ނ) އާއި، 49 ވަނަ މާއްސާގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވި ފަރާތްވެސް ޖޫރިމަނާ ކުރެވޭނެ ކަމުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިޔާސީޕާޓީ އުވައިލެވޭނެ ކަމުގައިވެސް މި އުޞޫލުގައި ބުނެފައިވެއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނާނުގެ ދަށުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން ފުރަހަމަ ކުރަންޖެހޭ އިޖުރާޢަތްތައްވެސް މި އުޞޫލުގައި ބުނެދީފައިވެއެވެ.
އެގޮތުން އީސީ އިން ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ސިޔާސީ ޕާޓީގެ ޤާނޫނު ނުވަތަ ގަވާއިދު ގެ މާއްދާއަކާ ޚިލާފުވެގެންކަން ކަށަވަރު ކުރުމާއި، ކަމާ ގުޅުންހުރި އިދާރާއަކުން ނުވަތަ ސެކްޝަނުން އެ މަޢުލޫމާތު ލިޔުމުން ހޯދަން ވާނެކަމުގައިވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ފިޔަވަޅު އެޅުމުގެ ކުރިން، ފިޔަވަޅު އެޅޭ ފަރާތެއް ޖަވާބުދާރީ ކުރުވުމާއި ފިޔަވަޅު އެޅުމަށް ހުށަހަޅާއިރު، މައްސަލައާ ގުޅުންހުރި ސާބިތު ހެކި ހުރިކަން ޔަޤީންކުރަން ވާނެކަމުގައިވެސް ވަނީ ބުނެފައެވެ.



