ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިފަދައިން ވިދާޅުވެފައިވާއިރު، ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެނައުމަށް ހުށަހަޅާ އިސްލާހުތަކެއް އެ ކޮމިޝަނުން ވަނީ އެކުލަވާލާފައެވެ.
އަލީ ހުސައިން ރޭ ކުރެއްވި ތްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމާ، ސިޔާސީ ޕާޓީތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފަންޑު ހޯދުމާ އަދި އީސީ އިން ޕާޓީ ތަކުގެ ދަފްތަރުތައް ބެލެހެއްޓުން، ނިމުމަކަށް ގެންނަންޖެހޭ ގޮތައް ގާނޫނު އިސްލާހު ކުރަން ހުށައެޅުން ކިހިނެތޯއެވެ.
ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތައް ސަސްޕެންޑު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތައް ސަސްޕެންޑް ނުކުރެވެ އެވެ. ގާނޫނަށް އަމަލު ނުކުރުމުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ، ޖޫރިމަނާ ކުރުމާއި ޕާޓީ އުވާލުމެވެ.
ހަމައެއާއެކު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުުރުމަށާއި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތަކަށް އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި، ޕާޓީތަކަށް ފައިސާ ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުން ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ގާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.



