ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ނުވެ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ.
މިގޮތުން އިއްޔެ އެކަނިވެސް ބައި މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
ކޮވިޑްގެ އެންމެފަހުގެ މައުލޫމާތުތަކަށްބަލާއިރު، އިއްޔެ 671,198 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ މި ބަލި ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 17,299 މީހުންނެވެ.
މުޅި ދުނިޔެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 97 މިލިއަނަށް އަރާފައިވާއިރު މިހާތަނަށް 97,281,602 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް މުޅި ދުނިޔެއިން 69,832,786 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 2,081,660 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.
ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާގައި މިހާތަނަށް 24,998,975 މީހުން މި ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓު ކޮށްފައެވެ. އެގައުމުގައި 14,968,716 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވެފައި ވަނީ 415,894 މީހުންނެވެ. އެގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ހުރީ 9,614,365 ކޭސް އެވެ. އަދި އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީވެސް އެގައުމުގައެވެ. އެގޮތުން އިއްޔެ އެމެރިކާއިން 188,426 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފައެވެ.
ކޮވިޑްގެ ނުރައްކާ ބޮޑު އެއް ޤައުމުގެ ތެރޭގައި އަވައްޓެރި އިންޑިޔާ ހިމެނެއެވެ. އެގޮތުން އެގައުމުން ޖުމްލަ ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 10,611,719 އަރާފައިވާއިރު އެގައުމުން ރަނގަޅުވެފައި ވަނީ 10,265,163 މީހުންނެވެ. އިއްޔެ އިންޑިއާއިން ވަނީ 15,277 މީހުން ޕޮޒިޓިވް ވެފައެވެ. އަދި މިބަލީގައި އިންޑިޔާއިން މިހާތަނަށް 152,906 މީހަކުވަނީ މަރުވެފައެވެ.




